31 Aug 2016, 16:18
ކުރީގެ ގައުމީ ޓީމާ ދެކޮޅަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު މިހާރުގެ ގައުމީ ޓީމް ކުޅުންތެރިން ތިބީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ރޫހެއްގައި ކަމަށް ގައުމީ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ބައިނަލްޣްވާމީ އެކުވެރިކަމުގެ މެޗެއްގައި މާދަމާ ރޭ ރަސްމީ ބޯޅަ ދަނޑުގައި ބަންގާޅު ގައުމީ ޓީމާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ އެ މެޗުން މޮޅުވުމަށް ބޭނުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ކުރިއަށް އޮތް ލާއޯސް މެޗަށް ތައްޔާރު ވުން ކަމަށެވެ.
"އަހަރެން ޓީމާ ހަވާލުވިތާ އަދި ނުވާނެ މަސް ދުވަސް ވެސް. ވަރަށް މަދު ފަރިތަކުރުންތަކެއް އަދި މި ކުރިއަށް ގެންދެވުނީ. ނަމަވެސް ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެންނަނީ ވަރަށް ރަނގަޅު ރޫހެއް،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ އެ ޖޯސާއި ފޯރި އަކީ އޭނާގެ ސަބަބުން ކުޅުންތެރިންނަށް އައި އެއްޗެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންނާއި ޓީމްގެ އެންމެ ސީނިއާ ކުޅުންތެރިންގެ ފަރާތުން ލިބޭ ހިތްވަރުގެ ސަބަބުން ލިބޭ އެއްޗެއް ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭ އޮފް އިން ޖާގަ ހޯދުމުގެ ގޮތުން އަންނަ މަހު ހަތް ވަނަ ދުވަހާއި 11 ވަނަ ދުވަހު ރައްޖޭ އާއި ބަންގާޅު ވެސް ދެ މެޗަކަށް ނިކުންނަން ތައްޔާރުވުމުގެ ގޮތުން މާދަމާ ރޭ ކުޅޭ އެ މެޗުން މޮޅުވުމަކީ ވެސް ވަރަށް ބޭނުން ކަމެއް ކަމަށް ސްޓެވާޓް ބުންޏެވެ.
"ކޮންމެ ކޯޗަކަށް ވެސް ބޭނުން ވާނެ އޭނާގެ ޓީމު މެޗުން މޮޅުވާން. ނަމަވެސް އެންމެ ބޭނުން ވަނީ ޓްރެއިނިންގައި އެ ކުޅުންތެރިން ދަސްކުރާ ކަންތައްތައް މެޗުގައި ފެނި އޭގެން ރަނގަޅު ނަތީޖާ އެއް ނިކުތުން،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ އިނދިކޮޅަށް ނިކުންނަ ބަންގާޅު ޓީމުގެ މާބޮޑު މައުލޫމާތެއް އޭނާ އަށް ލިބިފައި ނެތަސް ޓީމްގައި ތިބި ގިނަ ކުޅުންތެރިންނަކީ ބަންގާޅާ ދެކޮޅަށް ކުޅެ އެ ޓީމް ވަރަށް ރަނގަޅަށް އިނގޭނެ ކުޅުންތެރިންތަކެއް ކަމަށެވެ.
ރާއްޖެ އާއި ބަންގާޅު އެންމެ ފަހުން ބައްދަލު ކޮށްފައި ވަނީ ޖެނުއަރީ މަހު ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ 3-1 އިންނެވެ. ނަމަވެސް ބަންގާޅުގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުގައި ޕެނަލްޓީ ޖަހައިގެން ރާއްޖޭގެ މައްޗަށް ކުރި ހޯދާފަ އެވެ.