ރާއްޖޭގެ ގައުމީ ޓީމަކީ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެއް ކަމަށާއި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅަ ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށް ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު ޓޮމް ސެއިންޓްފިއެޓް ބުނެފި އެވެ.

އެކުވެރިކަމުގެ މެޗެއްގައި މާދަމާ ރޭ ރާއްޖޭގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ބަންގްލަދޭޝްގެ ކޯޗު ބުނީ، ރާއްޖޭގެ ފުޓްބޯޅަ ގާތުން ބަލަން ފެށީ 2011 ވަނަ އަހަރު ރާއްޖޭގެ ކޯޗަކަށް ވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުށަހެޅި ހުށަހެޅުމަށް ފަހު ކަމަށެވެ.

"ރާއްޖެ އަކީ ވާދަކުރަން އުނދަގޫ ޓީމެއް. އަހަރެން ވަރަށް ގިނައިން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަލަމުންދިޔައިން. އަހަރެންނަށް ރާއްޖޭގެ ފުޓްބޯޅަ ފެޑެރޭޝަނުން 2011 ވަނަ އަހަރު ހުށަހެޅުމެއް ލިބުނު. އެކަމަކު އަހަރެން ދިޔައީ ޖޯޑަން އަށް. އޭގެ ފަހުން އަހަރެން ރާއްޖޭގެ ލީގުގެ ހާލަތު ބަލަމުންދިޔައިން. އަހަރެން ނިއު ރޭޑިއަންޓް ފަދަ ޓީމުތަކުގެ ކުޅުން ވަރަށް ގާތުން އޭރު ބަލަމުން ދިޔައިން. އޭއެފްސީގައި ކަޕުގައި އެ ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ރާއްޖޭގެ ގައުމީ ޓީމު ވަރަށް ވަރުގަދަ،" އޭނާ ބުންޏެވެ.

ސެއިންޓްފިއެޓް ބުނީ، ރާއްޖޭގެ ޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުތައް ވެސް އޭނާ ބެލި ކަމަށެވެ. އަދި ބަންގްލަދޭޝް ޓީމުގެ އެންމެ މުހިންމު އަމާޒަކީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރަނގަޅަށް ތައްޔާރުވުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ރާއްޖެއަކީ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް. އަހަރެން ބެލިން ރާއްޖެ އާއި ބޫޓާން ކުޅުނު މެޗު ވެސް. އަހަރެންނަށް މެޗުގެ ފޭވަރިޓުންނަކީ ރާއްޖެ. އަހަރެމެންނަށް މި މެޗަކީ އެކުވެރިކަމުގެ މެޗެއް. އަހަރެމެންގެ އަމާޒަކީ ބޫޓާން މެޗަށް ނުކުތުމުގެ ކުރިން ރަނގަޅަށް ތައްޔާރުވުން. ރާއްޖެ އަތުން މޮޅުވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ވާނެ. މެޗުން ޕޮއިންޓެއް ލިބުނަސް އަހަރެން ވަރަށް އުފާވާނެ. އަހަރެމެންގެ ގާމު ކުޅެވޭނެ ކަމަށް އުންމީދުކުރަން،" އޭނާ ބުންޏެވެ.

ސެއިންފެއިޓް އިތުރަށް ބުނީ، ބްންގަލްދޭޝް ޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިން ތިބި ކަމަށާއި އެ ޓީމުގައި ޒުވާން ކުޅުންތެރިންނާއި ހުނަރުވެރި ކުޅުންތެރިން ތިބި ކަމަށެވެ. އަދި މުޅިން އަލަށް ހައެއްކަ ކުޅުންތެރިން ޓީމަށް ނެގި ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ޓީމަށް ނެގި ޒުވާން ކުޅުންތެރިންތަކާ އެކު މާދަމާ ރޭގެ މެޗަށް ނުކުންނާނީ. އޭގެ ތެރެއިން މެޗުގެ ފުރަތަމަ 11ގައި ބޭނުންކުރާ ތިނެއް ނުވަތަ ހަތަރު ކުޅުންތެރިއެއް މުޅިން އަލަށް ގައުމީ ޓީމަށް ކުޅޭނެ. އަހަރެމެންނަށް އޮތް ހަމައެކަނި މައްސަލައަކީ ގޯލް ޖަހާނެ ކުޅުންތެރިއެއް ނެތުން. ބަންގްލަދޭޝްގެ ލީގުގައި ޓީމުތަކަށް ކުޅެމުންދަނީ ބިދޭސީ ފޯވަޑުން. އެހެންވުމުން ބަންގްލަދޭޝްގެ ފޯވަޑުންނަށް ޓީމުތަކަށް ކުޅުމުގެ ފުރުސަތު ނުލިބޭ. އަހަރެމެން ދެން ޖެހޭނީ ބޫޓާން އަތުން މޮޅުވެ، އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުން. އަދި ޓީމުގެ ފެންވަރު މާދަމާ ރޭގެ މެޗުގައި އެނގިގެންދާނެ،" އޭނާ ބުންޏެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 9:00 ގަ އެވެ. އެ މެޗަށް ނުކުންނަ އިރު، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވެފައިވަނީ 3-1 ލަނޑުންނެވެ.