31 Aug 2016, 18:03
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން މަރުކަޒާއި އއ. އުކުޅަސް ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އެކުގައި ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމަކީ ރައީސް އަބްދުﷲ ޔާމީނުގެ ސިއްހީ ވައުދުތަކުގެ ތެރެއިން ވަރަށް މުހިއްމު ވައުދެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ސޮއި ކުރެވުނު ޕްރޮޖެކްޓުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމުގެ ގޮތުން ސޮއި ކުރެވުނު އެއްބަސްވުންތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ސަރުކާރުގެ ބަޖެޓުން ދިހަ މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރަކަށް ހިދުމަތް ދިނުން. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހަށް ބަލާއިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ވަނީ ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައި. ސަރުކާރުގެ ސިއްހީ ވައުދުގެ ތެރެއިން އަޅުގަނޑުމެން ކަށަވަރު ކޮށްދޭން ބޭނުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އެކީގައި އަޅާލުމަކީ އެންމެ ފުރަތަމަ އެމީހުންނަށް ހިދުމަތްދޭ މަރުކަޒުގެ ހިދުމަތް ރަނގަޅުވެފައި އޮތުން ކަމަށް،" މިނިސްޓަރު ނާޒިމު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ޖުމުލަ އަގު 6.3 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ.