ޗައިނާގެ ފަތުރުވެރިއެއްގެ ގޮތުގައި ދަތުރު ކުރުމަށް ހުއްދަ ދިން އެންމެ ދުވަސްވީ މީހާއަށް ރާއްޖެ އައުމަށް ހުއްދަދޭން، މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗްރަލް އޯގަނައިޒޭޝަން އިން ނިންމައިފި އެވެ.

ޗައިނާގެ ކޮންމެ ފަތުރުވެރިއަކަށް ވެސް ދަތުރުކުރެވެނީ އިންޝުއަރެންސް ކޮށްގެނެވެ. އެމީހެއްގެ އުމުރުން 90 އަހަރަށް ވުރެ މަތިވުމުން އާންމު ގޮތެއްގައި އިންޝުއަރެންސް ކުންފުނިތަކުން އިންޝުއަރެންސް ކޮށެއްނުދެ އެވެ. ނަމަވެސް ޗައިނާގެ ވައުޒީ ސިޓީގެ 101 އަހަރުގެ ލުއީ ޗެންސިނގް އަށް ވަނީ ޓޫރިސްޓެއްގެ ގޮތުގައި ދަތުރު ކުރުމުގެ ހުއްދަ ދީފަ އެވެ. އެއީ ޓޫރިސްޓެއްގެ ގޮތުގައި ދަތުރުކުރަން ޗައިނާގެ މީހުންގެ ތެރެއިން ހުއްދަ ދިން އެންމެ ދުވަސްވީ މީހާ އެވެ.

މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗްރަލް އޯގަނައިޒޭޝަންގެ ނައިބް ރައީސް މިދުއަމް ސައުދު ވިދާޅުވީ އެ ހާއްސަ ފަތުރުވެރިޔާއަށް ރާއްޖެ އައުމުގެ ދައުވަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އޭނާގެ ކޮންޓެކްޓް ވޭތޯ މިއުޅެނީ، ވުމާއެކު ޔަގީން ރާއްޖެ އައުމަށް އަޅުގަނޑުމެން ދައުވަތު ދޭނެކަން،" މިދުއަމް ވިދާޅުވި އެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.