ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ހުޅުމާލޭން ދޫކުރުމަށް ހަމަޖެއްސި 15 ފްލެޓަށް ޝަރުތު ހަމަވެގެން ގުރުއަތުން އެ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
~
ފްލެޓްތަކަށް ޝަރުތު ހަމަވި ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ޖެންޑާ ޑިޕާޓްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އެސިސްޓެންޓް ޑިރެކްޓާ މަމްދޫހާ އަލީ މިއަދު ވިދާޅުވީ 15 ފްލެޓަށް ޝަރުތުހަމަވި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 10 ކުޑަކުދިން ހިމެނޭ ކަމަށެވެ. ފްލެޓްތައް ލިބޭ ފަރާތްތަކާ އެކު ވެފައިވާ އެ އެއްބަސްވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ކުދިން ބަލާ ފަރާތްތަކަށް އެކުދިން ނުވަތަ މީހުން ބެލުމަށް ޝަރުތު ކޮށްފައިވާ އެއްބަސްވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެފަރާތްތަކަށް ދޫކުރެވޭ ފްލެޓްތަކުގެ ބޭނުންކުރަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބެލުމަށް އަޅުގަނޑުމެން ރޫޓިންގްކޮށް މޮނިޓާކުރާނަން، އެއްވެސް މައްސަލައެއް އުޅެންޏާ އެ އޮންނަ އުސޫލެއްގެ މަތިން އެ ކަންތައްތައް ކުރިއަށް ގެންދާނެ، އަދި އިހުމާލެއް ވާކަމަށް ނުވަތަ އަނިޔާކުރާ ކަމަށް މީހަކު ރިޕޯޓް ކުރިއަސް ބަލާނަން، ހަމައެހެންމެ އެތަންތަން ކުއްޔަކަށްވެސް ނުދެވޭނެ،" މަމްދޫހާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ފްލެޓްތަކަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާފައި ވަނީ ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ފޯމްތައް ސޯޓްލިސްޓް ކުރުމަށްފަހު ކަމަށެވެ. އެގޮތުން އެފަރާތްތައް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ މައުލޫމާތު ސާފުކޮށްފައިވާ ޖެންޑާ އިން ބުންޏެވެ.

ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ އެޗްޑީސީން އެފަރާތްތަކުގެ މެދުގައި ބޭއްވި ގުރުއަތަކުންނެވެ. އަދި ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖައްސާފައިވަނީ އެޗްޑީސީން ފްލެޓް ލިބޭ ފަރާތްތަކާ ދެމެދުގަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ އެފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 585 ފަރާތަކުން ފޯމް ހުށަހަޅާފައިވެ އެވެ.