31 Aug 2016, 15:28
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވޭތުވެ ތިން ދުވަހު މާލެއަށް 93 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާގެ ރެކޯޑުތަކުން ދައްކައިފި އެވެ.
މިހާތަނަށް 24 ގަޑިއިރެއް ތެރޭ އެންމެ ގިނަ އަދަދެއްގެ ވާރޭ ވެހިފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ 228 މިލިމީޓަރުގެ ވާރޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ލ ގަމަށް އިއްޔެ ވަނީ 101 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އެއީ މިދުވަސްވަރު ކުރަމުންދާ ވިއްސާރައިން 24 ގަޑިއިރު ތެރޭ އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނު ދުވަހެވެ. މިއަަހަރުގެ މާޗު މަހު ގަމަށް ވަނީ 190 މިލި މީޓަރުގެ ވާރޭ ވެހިފަ އެވެ.
ރާއްޖޭގެ އެކި ކަން ކޮޅުތަކަށް ކުރާ ވިއްސާރާގައި އެންމެ ގިނަ މިލި މީޓަރުގެ ވާރޭ ވެހިފައި ވަނީ ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން ހަމަ އެކަނި ކާޑެއްދޫއަށް ވެސް 52 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކަ އެވެ.
ެވޭތުވެދިޔަ ތިން ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގެ ތަފްސީލު
- ހަނިމާދޫ - 57.4 މިލިމީޓަރުގެ ވާރޭ
- މާލޭ - 93 މިލިމީޓަރުގެ ވާރޭ
- ކައްދޫ - 127 މިލިމީޓަރުގެ ވާރޭ
- ކާޑެއްދޫ- 152 މިލިމީޓަރުގެ ވާރޭ
- ގަން - 135 މިލިމީޓަރުގެ ވާރޭ
މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ދަނީ ވިއްސާރަކުރަމުންނެވެ. މޫސުން ގޯސްވެ ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާ އިން ވަނީ ދެކުނުގެ އަތޮޅުތަަކަށް އިއްޔެއާއި މިއަދު ވެސް ޔެލޯ އެލާޓް ނެރިފަ އެވެ. ޔެލޯ އެލާޓް ނެރެނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރުމުގެ ގޮތުންނެވެ. މިއަދު ވެސް ޔެލޯ އެލާޓް ނެރިފައި ވަނީ އއ. އާއި އައްޑުއާ ދެމެދުގެ އަތޮޅުތަކަށެވެ.
ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ރައްޔިތުން ތައްޔާރުވުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެހެން ވެލި ބަަސްތާ ޖެހުމާއި ވައިގަދަވެ އެއްލާލާނެ ފަދަތަކެތި ހުރިނަމަ ބާރަށް އެއްސުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެ އެވެ.
މިއަދަށް ލަފާކުރާ މޫސުން
- ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ
- ދެކުނުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި،އެހެން ހިސާބުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
- ވިލާގަޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ
- ދެކުނުއަތޮޅުތަކުގެ އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ
- މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ.
- ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް
ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަންދީގެން ދަތުރު ކުރުމަށް މެޓް އޮފީހުންނާއި ފުލުހުންނާއި ސިފައިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.