މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ކުނި ނަގައިގެން އާންމުނަށް މިސާލުދައްކާ މީހުންނަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ހާއްސަ އެވޯޑެއް ތައާރަފްކޮށްފި އެވެ.

މިއަދު ޕީއެސްއެމްގެ ސެނެކޯ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަގުމަތިން ކުނި ނަގައި މީހުންނަށް ހާއްސަކޮށް އެޕްރިޝިއޭޓެޑް އެވޯޑާއި، ރެސްޕެކްޓެޑް ބެޖް ތައާރަފްކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެވޯޑް ލޯންޗް ކޮށްދެއްވުމަށް ފަހު މިފަހަރުގެ އެވާޑް ހާސިލް ކުރެއްވި ދެ ފަރާތަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.

އެވޯޑު ހާސިލް ކުރި މުހައްމަދު ހަސަން އަކީ ޕިކަޕް ޑްރައިވަރެކެވެ. އޭނާ އަށް ރަން އެވޯޑު ލިބުނީ މަގުމަތިން ޕިކަޕުގައި ދަމުން މަގު މެދުގައި އޮތް ކުނި ކޮތަޅު، ޕިކަޕު ހުއްޓުމަށް ފަހު ނަގައިގެން ގެންދިއުމުންނެވެ. މުހައްމަދު ބުނި ގޮތުން އޭނާ އަކީ އަބަދުވެސް ސާފު ތާހިރު ކަމަށް ލޯބި ކުރާ މީހެކެވެ. އަދި އޭނާ ވަރަށް ގިނައިން މަގުމަތިން ފެންނަ ކުނި ކޮތަޅު އެއްޗިހި ނަގައިގެން ގެންގޮސް އުކާލާ ކަމަށް ބުންޏެވެ.

އެޕްރިޝިއޭޓެޑް އެވޯޑާއި، ރެސްޕެކްޓެޑް ބެޖް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ލޯންޗްކޮށްދެއްވަނީ -- ސަންފޮޓޯ// ފަޔާޒު މޫސާ

އެވޯޑު ޙާސިލް ކުރި ދެވަނަ ފަރާތަކީ ފުލުހެއް ކަމަށްވާ ހަސަން މަންސޫރު އެވެ. އޭނާއަށް އެވާޑް ލިބުނީ މަގުމެދުގައި އޮތް ކުނި ކޮތަޅެއް ނެގުމުންނެވެ. އޭނާ ކުނި ކޮތަޅު ނަގާފައި ވަނީ ދަރިފުޅު ގޮވައިގެން ސުކޫލުން ގެއަށް ދިޔަ މަގުމަތީގަ އެވެ. މަންސޫރު ބުނި ގޮތުން މަގު މެދުގައި އެ ކުނި ކޮތަޅު އޮތުމުން ހަމަ ކޮންމެ މީހަކަށް ވެސް އުނދަގޫވާނެ އެވެ. އަދި އެގޮތަށް ހުންނަ ތަކެތި ނެގުމަށާއި މަގުމަައްޗަށް ކުނި ނޭޅުމަށް އޭނާގެ ދަރިފުޅަށް ދަސްކޮށް ދިނުމަކީ މަންސޫރުގެ އަމާޒެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކަރުދާސް އަލުން ބޭނުންކުރުމަށް އެމް ސެވަން އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި މަގުމައްޗަށާއި ދިރިއުޅޭ ތަންތަނަށް ކުނި ނޭޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވެ ކުދިންނަށް ހާއްސަ ލަވަންސެއްވެސް ވެމްކޯގެ ފަރާތުން ވަނީ ލޯންޗް ކޮށްފަ އެވެ.