އެމްޓީސީސީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބު އަތުން މޮޅުވެ، މަހިބަދޫ ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސްޓެލްކޯގެ މައްޗަށް މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި މަހިބަދޫން ކުރި ހޯދާފައި ވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ތިން ލަނޑު ކާމިޔާބުކޮށްފައި ވަނީ ވެސް މަހިބަދޫންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި އަބްދުﷲ މިދުހަތު އެ ޓީމަށް ލީޑު ނަގައިދިން އިރު، މެޗުގެ 48 ވަނަ މިނެޓުގައި އޭނާގެ ފަރާތުން އިތުރު ލަނޑެއް ފެނިގެންދިޔަ އެވެ.

މެޗުގެ 57 ވަނަ މިނެޓުގައި މަހިބަދޫން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެ ލަނޑު މަހިބަދޫ އަށް ކާމިޔާބުކޮށްދިނީ އަހްމަދު ޝާހިދެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ސްޓެލްކޯގެ ލަނޑު ކާމިޔާބުކޮށްދިނީ މޫސާ ހަސަން ފުޅެވެ.

އެ މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓާއި ކްލަބު ޒެފްރޯލެވެ.

އެ މުބާރާތުގައި ޖުމްލަ 12 ޓީމެއް ވާދަކުރާ އިރު، ކޮންމެ ގްރޫޕެއްގައި ވެސް ހަ ޓީމު ހިމެނެ އެވެ. ގްރޫޕް އެކެއްގައި ހިމެނެނީ މަހިބަދޫ ސްޕޯޓްސް ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ޖޭޖޭ ސްޕޯޓްސް ކްލަބު، ވިޔަންސާ، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ޑަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން އެސްސީ އެވެ.

މުބާރާތުގެ ގްރޫޕް ދޭއްގައި ހިމެނެނީ ކްލަބު ގްރީން ސްޓްރީޓް، ކްލަބު ޒެފްރޯލް، ދިވެހި ސިފައިންގެ ކްލަބު، ސްޕޯޓްސް ކްލަބު މެކާނޯ، ކްލަބު ޕީކޭ އަދި ސްޕޯޓްސް ކްލަބު ވެލޯޒިއާ އެވެ.

އެ މުބާރާތުގެ ގްރޫޕް އެކެއް އަދި ދޭއްގެ އެންމެ ކުރީގައި އޮންނަ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ އިރު، ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 18 އަދި 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ.