ބުއެނޯސްއައިރިސް (އޮގަސްޓް 31): އާޖެންޓީނާގެ އައްސޭރިފަށުން ފެނިފައިވާ އަމިއްލައަށް އެނބުރޭ ބިންކޮޅެއް އިތުރަށް ދިރާސާ ކުރަން ފަންޑު ހޯދަން ފަށައިފި އެވެ.

'ދި އައި'ގެ ނަން ދީފައިވާ އެބިންކޮޅު އޮންނަނީ ވަށްކޮށް އޮންނަ ފެންގަނޑެއްގެ މެދުގަ އެވެ. ފުޅާ މިނުގައި ގާތްގަނޑަކަށް 120 މީޓަރު ހުންނަ އެބިންކޮޅު ފެނިފައި ވަނީ ފިލްމު އުފައްދާ ޓީމަކަށެވެ.

އާޖެންޓީނާގެ ކަމްޕާނާ ސިޓީ އާއި ޒަރާތޭއާ ދެމެދު އޮންނަ ސަރަހައްދަކުން އެބިންކޮޅު ފެނުނު އިރު އެމީހުން ދިޔައީ އެސަރަހައްދުން ފެނުނު ކަމަށް ބުނާ ގޮތް ނޭނގޭ އެއްޗެހިތަކާ ގުޅިގެން ފިލްމެއް ހެދުމަށް އެތަން ދިރާސާ ކުރަމުން ކަމަށް ޓީމުގެ ބައިވެރިއެއް ކަމަށްވާ ސާޖިއޯ ނުސްޕީލާ ބުންޏެވެ.

ފިލްމު ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ކަމަށްވާ ނުސްޕީލާ ބުނި ގޮތުގައި އެބިންކޮޅަށް އެހާ ފުރިހަމައަށް ވަށް ބައްޓަމެއް ލިބިފައިވަނީ ގުދުރަތީ ގޮތުން ކަމަށް ނުބެލެވެ އެވެ.

އޭނާ ބުނި ގޮތުގައި ބިންކޮޅުގެ ވަށައިގެންވާ ފެންގަނޑަކީ އެސަރަހައްދާ އަޅާ ބަލާއިރު އާދަޔާ ހިލާފަށް ސާފު އަދި ފިނި ފެންގަނޑެކެވެ. އަދި ފެންގަނޑުގެ މެދުގައި ބިންކޮޅު އޮންނަނީ ފެންމަތީ ކަމަށާއި ނަމަވެސް އޭގެ އަޑީގައި ވަނީ ކޮންއެއްޗެއްކަން ނޭނގޭ ކަމަށް ނުސްޕީލާ ބުންޏެވެ.

މީގެ އިތުރުން، ގޫގުލްއާތްއިން އެސަރަހައްދު ބަލާލުމުން އެބިންކޮޅު ފެންނަން އޮންނަ ކަމަށް ނުސްޕާލީ ބުންޏެވެ. އަދި ގޫގުލްއާތްގެ 'ޓައިމް ސްލައިޑާ' ޓޫލް ބޭނުން ކުރުމުން، އެބިންކޮޅު ވަނީ މީގެ ކުރިން ފެންގަނޑު ތެރޭގައި އެކިކޮޅުކޮޅަށް ބަދަލުވެފައި ކަން އެނގޭ ކަމަށް ނުސްޕީލާ ބުންޏެވެ.

ގޫގުލްއާތްގައި އެސަރަހައްދުގެ ކޯޑިނޭޓްސް ޖެހުމުން ބިންކޮޅު ފެންނަންއޮވޭ -- ފޮޓޯ: ގޫގުލްއާތް

އެބިންކޮޅު އިތުރަށް ދިރާސާ ކުރުމަށް ޓަކައި ފަންޑު ހޯދުމަށް ނުސްޕީލާ ވަނީ ހައިޑްރޯލިކް އަދި ސިވިލް އިންޖިނިއަރެއް ކަމަށްވާ ރިޗާޑް ޕެޓްރޯނީއާ ގުޅިގެން މަސައްކަތް ކުރަން ފަށާފަ އެވެ. އެޓީމުން އުއްމީދު ކުރަނީ ދިރާސާއަށް ޓަކައި 50،000 ޑޮލުރު އެއް ކުރުމަށެވެ.