ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ބަބްލީ" ސުޕާރީގައި ދުންފަތުގެ އަސަރު ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

މިއަދު އެމްއެފްޑީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އަށް އެތެރެ ކުރާ ތަފާތު ބްރޭންޑުތަކުގެ ސުޕާރީގައި ދުންފަތުގެ އަސަރު އެކުލެވޭތޯ ބެލުމަށް އެ އޮތޯރިޓީން ތަހުލީލު ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ތަހުލީލު ކުރި ސުޕާރީތަކުގެ ތެރެއިން "ބަބްލީ" ބްރޭންޑްގެ ސުޕާރީގައި ދުންފަތުގެ އަސަރު ހުރިކަމަށް ތަހުލީލު ތަކުން ދައްކާ ކަމަށެވެ.

"ބަބްލީ" ސުޕާރީން ދުނަފަތުގެ އަސަރު ހުރިކަން ފާހަގަ ކުރެވިފައިވާތީ އެހެނިހެން ބްރޭންޑްތަކުގެ ސުޕާރީގައި ދުންފަތުގެ އަސަރު ހުރިތޯ ބެލުމަށް ތަހުލީލުތައް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ އާއްމުކޮށް ސުޕާރީއަކީ ދުންފަތް އެކުލެވޭ އެއްޗެއް ގޮތަށް މާކެޓް ކުރާ އެއްޗެއް ނޫން ކަމަށާއި، އޭގެ ލޭބަލްގައި އެކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ސުޕާރީ ބޭނުން ކުރުމަކީ ދުންފަތް ބޭނުން ކުރުމަށް އާދަވެ ދުންފަތުގެ އިސްތިއުމާލު ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ. އަދި ކުޑަކުދިން އެ އުފެއްދުންތައް ބޭނުން ކުރުމަކީ ސިއްހަތަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ވެސް އެ އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ބަބްލީ" ސުޕާރީ އަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވެސް މަގުބޫލު އެއްޗަކަށް ވަނީ ވެފަ އެވެ.