ބެއިޖިން (އޮގަސްޓް 31): ސައުދީ އަރަބިއާގެ ޑެޕިއުޓީ ކްރައުން ޕްރިންްސް މުހައްމަދު ބިން ސަލްމާން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ހަކަތަ އާއި އުމްރާނީ ތަރައްގީއާ ބެހޭ 15 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީ އަރަބިއާގެ އިގުތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެގައުމުގައި އެހެން ވިޔަފާރިތަކަށް ބޭރު ގައުމުތަކުން އިންވެސްޓު ކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން ޑެޕިއުޓީ ކްރައުން ޕްރިންްސް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގެ ތެރެއިން އިއްޔެ ޗައިނާއަށް ވަޑައިގެން، އޭނާ ވަނީ ޗައިނާގެ ވައިސް ޕްރިމިއާ ޒާންގް ގައޯލީއާ ބައްދަލުކުރެއްވި އެވެ.

"އެބައްދަލުވުމުގައި ސައުދީ އަރަބިއާ އާއި ޗައިނާއާ ދެމެދު އޮތް ސްޓްރެޓީޖިކް ގުޅުންތައް ރަނގަޅު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވޭ،" ޗައިނާގެ ދައުލަތުގެ މީޑިއާ އެސްޕީއޭގައިވެއެވެ.

އެބައްދަލުވުމަށް ފަހު ދެގައުމުގެ މެދުގައި ތެލުގެ ވިޔަފާރި އާއި، ފެނުގެ ވަސީލަތްތަކާއި، ސައިންސާއި ޓެކްނޮލޮޖީ އާއި ސަގާފީ ކަންތައްތަކާ ބެހޭ 15 އެމްއޯޔޫއެެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާގެ އަލްއަހުސާ ސިޓީގައި ދެގައުމުން ގުޅިގެން 100،000 ގެ އަޅަން އެއްބަސްވެފައިވެއެވެ.

ޗައިނާއަށް ފަހު ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރެއްވުމަށް ޕްރިންސް މުހައްމަދު ޖަޕާނަށް ވަޑައިގަންނަވާނެއެވެ. ސައުދީ އަރަބިއާއަށް ބޭރު ގައުމުތަކުން ބޭނުންވާ އިންވެސްޓުމެންޓުތަކުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާނީ ޗައިނާ އާއި ޖަޕާނުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

އޭޝިއާގެ ގިނަ ގައުމުތަކަށް ތެޔޮ ފޯރުކޮށްދެނީ ސައުދީންނެވެ. ނަމަވެސް އެމެރިކާ އާއި ޗައިނާއިން ސައުދީ އަރަބިއާއިން ތެޔޮ ގަންނަ މިންވަރު ދަށްވުމުގެ ސަބަބުންނާއި އީރާނުން އަނެއްކާވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކަން ފެށުމުގެ ސަބަބުން ސައުދީ އަރަބިއާގެ ތެލުގެ ވިޔަފާރިއަށް ވަނީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. (ރޮއިޓާސް)