މެނީލާ (އޮގަސްޓް 31): ފިލިޕީންސުން ހައްޖުވެރިންނަށް ދޫކުރާ ހާއްސަ ޕާސްޕޯޓުތައް ދޫކުރުން އިއްޔެ މެދުކަނޑާލަައިފި ކަމަށް އެގައުމުގެ ފޮރިން ސެކްރެޓަރީ ޕާފެކްޓޯ ޔަސޭ ޖޫނިއާ ވިދާޅުވެއްޖެ އެވެ.

ފިލިޕީންސުން އެފަދައިން ނިންމާފައި ވަނީ ފޭކު ހައްޖު ޕާސްޕޯޓުތަކެއް ބޭނުންކޮށްގެން އިންޑޮނޭޝިއާގެ 177 މީހަކު ފިލިޕީންސުން މާއްކާއަށް ދާން މަސައްކަތް ކުރަނިކޮށް ފަޅާއަރާފައިވަނިކޮށެވެ.

ޔަސޭ ވިދާޅުވި ގޮތުގައި ހައްޖު ޕާސްޕޯޓު ހެއްދުން ވީހާވެސް ފަސޭހަ ކުރުމަށްޓަކައި އެޕާސްޕޯޓު ހެދުމަށް އާއްމުންގެ ފަރާތުން ހޯދަނީ ވީހާވެސް މަދު މައުލޫމާތެވެ. އަދި ޕާސްޕޯޓް ހެއްދުމަށް ފިލިޕީންސުގެ ރަށްވެހިކަން ކަށަވަރު ކުރުމަށްވެސް މާގިނަ ހެކި ދައްކާކަށް ނުޖެހެ އެވެ.

އެހެންކަމުން އެޕާސްޕޯޓުގެ ނާޖާއިޒު ފައިސާ ގިނަ ބަޔަކު ނަގަމުންދާ ކަމަށާއި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމުން ހައްޖު ޕާސްޕޯޓު ދޫކުރުން އެއްކޮށް ހުއްޓާލުމަށް ވިސްނަމުންދާ ކަމަށް ޔަސޭ ވިދާޅުވި އެވެ.

ފޭކު ހައްޖު ޕާސްޕޯޓުތަކެއް ބޭނުންކޮށްގެން ސައުދީ އަރަބިއާއަށް ދާން މަސައްކަތް ކުރި 177 އިންޑޮނޭޝިއާ މީހަކު ފިލިޕީންސުގެ އެއާޕޯޓުން އޮގަސްޓް 18އިގައި ހައްޔަރު ކުރީ އެމީހުންނަށް އެއްވެސް ވަރަކަށް ފިލިޕީންސް ބަހުން ވާހަކަ ދައްކަން ނޭނގުމުންނެވެ. އެމީހުންގެ އިތުރުން އެމީހުންނަށް ޕާސްޕޯޓު ހައްދަދިން ފިލިޕީންސުގެ ފަސް މީހަކުވެސް އެގައުމުން ހައްޔަރުކޮށްފައިވެ އެވެ. (އައިއޭއެންއެސް)