01 Jun 2011, 12:29
ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖަލުތަކުގައި އިންސާނިއްޔަތާ ހިލާފް އަދަބު ލިބުނު ކަމަށް ބުނާ 51 މީހަކު މިހާތަނަށް އެފަދަ ޝަކުވާތައް ބަލައިގަތުމަށް ސަރުކާރުން ގާއިމްކޮށްފައިވާ އޮފީހަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ އޮފިޝަލަކު ބުނީ މެއި 22 ގައި ވެލާނާގޭގައި ގާއިމް ކުރި އޮފީހަށް މިހާތަނަށް 51 މީހަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ގިނަ ފަރާތްތަކުން ބުނެފައި ވަނީ ޝަރީއަތުން ކަނޑައަޅާފައިނުވާ ޖިސްމާނީ އަދަބުތައް ދީފައިވާ ކަމަށާއި ހުކުމް ކުރުމަކާއި ނުލައި ދިގު މުއްދަތަކަށް ޖަލުގައި ބަހައްޓާފައިވުން ކަމަށެވެ.
ފުލުސް އޮފިޝަލް ވިދާޅުވީ ޖަލުތަކުގައި އިންސާނިއްޔަތާ ހިލާފް އަދަބު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އެކަމާ ގުޅުން ހުރި މީހުން ހާޒިރު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ހާޒިރުކޮށްފައި ވަނީ ކޮން ބައެއް ކަމާއި އެ ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުންނެއް ނުބުނެ އެވެ.
ޖަލުތަކުގައި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ކުރިން ޖަލު ބެލެހެއްޓުމާ ހަވާލު ހުންނެވި އިސްތަފާ އިބްރާހިމް މުހައްމަދު މަނިކު އެކަންޏެވެ. އެކަމަކު އޭނާގެ ބަންދުގެ މުއްދަތު ގާނޫނާއި ހިލާފަށް އިތުރުކޮށްފައި އޮތުމުން ހައި ކޯޓުން ވަނީ އިސްތަފާ ދޫކޮށްލައިފަ އެވެ.
އިސްތަފާގެ ބަންދުގެ މުއްދަތުގެ މައްސަލައިގައި ޝަރީއަތަށް "ބިޑި، އަނދަގޮނޑި އަދި އެހެނިހެން އަދަބުތައް ދެވޭ މީހުން ތަފްސީލު" ނަމަކަށް ކިޔާ ފޮތެއް ހުށަހެޅުމަށް ދައުލަތުން މަސައްކަތްކޮށްފައިވެ އެވެ. ބައެއް އިންސާނިއްޔަތާ ހިލާފް އަދަބު ދީފައިވާ މީހުންނާއި އެމީހުންނަށް އެ އަދަބުތައް ދޭންޖެހުނު ގޮތުގެ ތަފްސީލު އެ ފޮތުގައި ލިޔެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އެގޮތުން ގައިދީނން ނުކެއުމުގެ ސަބަބުން އެކި އަނިޔާތައް ދިން ގޮތުގެ ތަފްސީލާއި އަނދަގޮނޑި ޖެހި މީހުންނާއި ނުކާންދީ ބެހެއްޓި މީހުންގެ ނަންތައް ވެސް އެ ފޮތުގައި ލިޔެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.