ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެކި ރަށްތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ އިރު ލ. ކުނަހަންދޫގައި ހެދިފައިވާ ފެންގަނޑު، ފަސް ޕަމްޕާއި ހަ ކޯރު ކަނޑައިގެން ވެސް ހިއްކިފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ޟިރުޣާމް ސަޢީދު މިއަދު "ސަން" އަށް ވިދާޅުވީ، ރަށް އާބާދުވެފައިވާ ގޮތުން ފަސްގަނޑު އޮންނަނީ ރަށުމެދަށް އަޑިކޮށް ކަމަށެވެ. އެހެންކަމުން ރަށުގެ ގިނަ ދިމާލުން ފެންގަނޑު އަންނަނީ ރަށުތެރެއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނަހަންދޫގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް ބަޔަކު ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

"ބަނދަރު ސަރަހައްދު ވެސް މި އިންނަނީ އުސްކޮށް. އެހެންވީމަވާ ގޮތަކީ މިހާބޯކޮށް ވެހުނީމަ ފެންގަނޑު އަންނަނީ ރަށު މެދަށް،" ޟިރުޣާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެންވަދެ، ގޭގައި ހިފާގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ފެނުގެ ސަބަބުން ސްކޫލް ދޮށަށް ހިނގުމާއި އެހެނިހެން ކަންކަމުގައި އާންމުންނަށް ދަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ކުނަހަންދޫގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް ޕަމްޕު ގުޅާފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފެންގަނޑު ހިންދުމަށް ޓަކައި ތިން ޕަމްޕެއް ބޭނުންކުރަމުން އަންނަ ކަމަށާއި، އެއާ އެކު ރަށު ތެރެއިން ބޭރަށް ފެންދާ ގޮތަށް ހަވަރަކަށް ކޯރު ކަނޑާފައިވާ ކަމަށް ވެސް ޟިރުޣާމް ވިދާޅުވި އެވެ. އަދި ފެން ހިއްކުމުގައި އާންމުންގެ ވެސް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބު ރައީސް ޟިރުޣާމް ވިދާޅުވީ، ބޯކޮށް ވެހެމުންދާ ވިއްސާރާގައި ހެދިފައިވާ ފެންގަނޑު ހިއްކުމަށް ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބުމުން ސަލާމަތީ ބާރުތަކުގެ އެހީއަށް އެދެން ނިންމާފައިވާ ކަމަށެވެ.

މޫސުން ގޯސްވެ ގަދަ ވަޔާ އެކު ކަނޑުތައް ވެސް ގަދަވެފައި ވާތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ ސަލާމަތީ ބާރުތަކުން އަންނަނީ އަންގަމުންނެވެ. އެގޮތުން ކަނޑު ގަދަވެ ގަދަ ވަޔާ އެކު ވިއްސާރަ ވެހޭ ނަމަ ކަނޑު ދަތުރުތައް ހާއްސަކޮށް ރޭގަނޑު ދަތުރު ނުކުރުމަށް އެ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.