31 Aug 2016, 10:28
އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯނުގެ އެހީގައި ހިންގާ ޕްރޮޖެކްޓްތަކަށް ދިވެހި ދައުލަތުން ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން އެގޮތަށް ކަނޑައަޅާފައި ވަނީ އިފާޑްގެ ލޯނު އެހީގައި ހިންގާ ޕްރޮޖެކްޓުތަކަށް ފައިސާ ދެއްކުމުގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ފައިސާ ދައްކާފައިވާ ކަމަށް ބުނެ އެގްރިކަލްޗާ މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަ ބެލުމަށް ފަހު ނިންމި ނިންމުމުގަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ހަމަޖެހިފައި އޮންނަނީ އިފާޑް ލޯނަށް ހިނގާ ޖުމްލަ ޚަރަދުގެ ވަކި ޕަސެންޓަކަށްވާ ފައިސާ އެގްރިކަލްޗާ މިނިސްޓްރީން އިން ދައްކާ ގޮތަށް ނަމަވެސް ބައެއް ބިލްތަކަށް އެމިނިސްޓްރީ އިން ފުލް ޕޭމެންޓް ދައްކާފައިވާ ކަމަށެވެ.
އޭސީސީގެ ނިންމުމުގައި ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް އިފާޑް ލޯނާ ގުޅޭ ބައެއް ބިލްތަކަށް އެ މިނިސްޓްރީ އިން ފުލް ޕޭމެންޓް ދައްކާފައިވާ ކަމަށެވެ.
އެގޮތަށް ފުލް ޕޭމެންޓް ދައްކާފައި ވަނީ އިފާޑްގެ ލޯނުގެ ތެރެއިން ފަހުން އެ ފައިސާ ރީއެންބާސްކުރާ ގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވާ އިރު، އެގޮތުގެ މަތިން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިފާޑްގެ ލޯނު އެހީއިން އެ ފައިސާ ރީއެންބާސްކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އޭސީސީގެ ނިންމުމުގައިވެ އެވެ. އެހެންކަމުން އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް އޭސީސީން ވަނީ ކަނޑައަޅައިފަ އެވެ.
"މިކަމުގައި، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަހުގީގަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފަ އެވެ،" އޭސީސީ އިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.