ކޮލެޖުތަކާއި ޔުނިވަސިޓީތަކަށް އަމާޒު ކޮށްގެން ހޭންޑް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް އިން ކުރިއަށް ގެންދިޔަ އިންޓާ ކޮލެޖް ހޭންޑް ބޯލްގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް ސައިރެކްސް ކޮލެޖުން ހޯދައިފި އެވެ.

އިންޓާ ކޮލެޖު ހޭންޑް ބޯލު މުބާރާތުގެ ފިރިހެން ބައިގެ ފައިނަލްގެ ތެރެއިން --- ފޮޓޯ: ސައިރެކްސް ކޮލެޖް

ކުޅިވަރު އެކުވެނީ ވެލިދަނޑުގައި މި މަހު 23 އިން މި މަހުގެ 29 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަން ވެސް ސައިރެކްސް އިން ހޯދީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ.

އިންޓާ ކޮލެޖު ހޭންޑް ބޯލު މުބާރާތުގެ ފައިނަލް ކުރިއަށް ދިޔަ އިރު ސަޕޯޓަރުން --- ފޮޓޯ: ސައިރެކްސް ކޮލެޖް

ފިރިހެން ބައިގެ ޗެމްޕިއަންކަން ސައިރެކްސް އިން ހޯދީ ފައިނަލްގައި ވިލާ ކޮލެޖާ ބައްދަލުކޮށް 19 ލަނޑު 5 ލަނޑުން މެޗު ކާމިޔާބް ކޮށްގެންނެވެ. އަންހެންބައިގެ ޗެމްޕިއަންކަން ވެސް ސައިރެކްސް ހޯދީ ފައިނަލްގައި ވިލާ ކޮލެޖު 9 ލަނޑު 2 ލަނޑުން ބަލިކޮށްގެންނެވެ.

އިންޓާ ކޮލެޖު ހޭންޑް ބޯލު މުބާރާތުގެ އަންހެން ބައިގެ ފައިނަލްގެ ތެރެއިން --- ފޮޓޯ: ސައިރެކްސް ކޮލެޖް

ޖުމްލަ ފަސް ކޮލެޖު ބައިވެރިވި އެ މުބާރާތުގެ އަންހެން އަދި ފިރިހެން އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ސައިރެކްސް ކޮލެޖުގެ ހަ ކުޅުންތެރިއަކު ވަނީ ހިމެނިފަ އެވެ. އެ މެބާރާތުގެ އެންމެ ފަހުގެ ދަބައިގެ ޗެމްޕިއަނުންނަކީ ވެސް ސައިރެކްސް ކޮލެޖެވެ.