ވޮޝިންޓަން (އޮގަސްޓް 31): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕު، މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯއާ މާދަމާ ބައްދަލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރައީސް ނިއޭޓޯއާ ބައްދަލުކުރައްވަން ޓްރަމްޕަށް ރައީސް އެރުވި ދައުވަތު ގަބޫލު ކުރެއްވިކަން ޓްރަމްޕް އިއުލާން ކުރެއްވީ ޓުވިޓާގަ އެވެ.

މެކްސިކޯ ސަރުކާރުން ވަނީ އެ ގައުމުގެ ރައީސާ ބައްދަލު ކުރެއްވުމަށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ހިލަރީ ކްލިންޓަންއަށް ވެސް ދައުވަތު އަރުވައިފަ އެވެ. އެ ދައުވަތަށް ހިލަރީ ކްލިންޓަން އަދި ޖަވާބު ދެއްވާފައި ނުވެ އެވެ.

ޓްރަމްޕާއި ރަައީސް ނިއޭޓޯގެ ބައްދަލުވުމުގައި ދެބޭފުޅުން އެކަހެރިކޮށް ވާހަކަ ދައްކަވާނެ ކަމަށް މެކްސިކޯގެ ރައީސް އޮފީހުން ބުންޏެވެ.

ޓްރަމްޕްގެ ކެމްޕެއިނުގައި އޭނާ ވަނީ މެކްސިކޯގެ ރައްޔިތުންނަކީ ރޭޕިސްޓުންނާއި ކުށްވެރިން ކަމަށް ބުނެފަ އެވެ. އަދި މެކްސިކޯގެ ރައްޔިތުން ގަވާއިދާ ހިލާފަށް އެމެރިކާ އަށް އައުން ހުއްޓުވުމަށް ޓަކައި ދެ ގައުމުގެ މެދުގައި ފާރެއް ރާނާނެ ކަމަށާއި، އެފާރަށް ހަރަދު ކުރާނީ މެކްސިކޯ އިން ކަމަށް ވިދާޅުވެފަ އެވެ.

އަދި ފާރު ރާނަން މެކްސިކޯ އިން ހަރަދު ނުކޮށްފި ނަމަ އެމެރިކާގައި ތިބި މެކްސިކޯ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާ ފައިސާ ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ.

ެޓްރަމްޕްގެ އެ ބަސްފުޅުތަކަށް މެކްސިކޯގެ ރައީސް ވަނީ މީގެ ކުރިން ރައްދުދެއްވައިފަ އެވެ. އަދި ދެ ގައުމުގެ މެދުގައި އަޅާ ފާރަކަށް މެކްސިކޯ އިން ހަރަދު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. (ބީބީސީ)