31 Aug 2016, 09:40
ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި ހ.ފިލިކުރިގެ މޫސާ ނައީމް، 55، މަރުވި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ދޫނިދޫ ބަންދުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މެންދަމު ހާޓްއެޓޭކެއް ޖެހިގެން މަރުވި ކަމަށް ބެލެވޭ މޫސަ ހުރި ގޮޅި އާއި އޭނާގެ ހަށިގަނޑު ވެސް އިންޓަގުރިޓީ ކޮމިޝަނުން ވަނީ އިއްޔެ ބަލައިފަ އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެކޮމިޝަނުން އިސްވެ ބަލާ މައްސަލައެއްގެ ގޮތުގައި އިއްޔެ އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެކޮމިޝަނުން އެ މައްސަލަ ބަލަމުން ދަނިކޮށް އާއިލާގެ ފަރާތުން އެ މައްސަލަ ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކޮމިޝަނުން އެ މައްސަލަ ބަލަން ފެށީ ނުގަވައިދުން ކަމެއް ހިނގި ކަމަށް ޝައްކު ކުރެވިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން އަށް ވިދާޅުވީ މޫސަ މަރުވީ ފުލުހުންގެ ބަންދުގައި ހުރުމުން ކަމުގައިވާތިއްޔާއި އާއިލާގެ އެދުމުގެ މަތިން ޕޯސްޓްމޯޓަމްއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ޕޯސްޓްމޯޓަމް ހަދާނެ ތާރީހެއް ތަނެއް އަދި ނުނިންމަ އެވެ.
އެމަރާއި ގުޅިގެން އާއިލާއިން ޝައްކުކުރާ ކަންތައްތަކެއް ހުރެ އެވެ. ނަމަވެސް އާއިލާއިން މީޑިއާއާއި އެކަން ހިއްސާ ކުރަން އަދި ބޭނުމެއްނުވެ އެވެ.
މޫސަ މޯޗަރީގައި ބާއްވާފައިވާ އިރު މޯޗަރީއާއި ހަވާލުވެ ހުންނެވި ފަރާތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި މޫސަގެ ހަށިގަނޑުގެ ބޭރުން ޒަހަމެއް ފެންނާކަށް ނެތެވެ.
މޫސަ ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހު އެވެ. އޭނާ މައްޗަށް ތުހުމަތު ކުރެވެނީ ރާއްޖެއަށް އަށް ކިލޯ މަސް ތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށެވެ.