ޑިޕޯޓިވޯ ލަކަރޫނިޔާގެ ފޯވަޑް ލޫކަސް ޕެރޭޒް އާސެނަލް އާ ގުޅިފައިވާ އިރު އޭނާގެ ފަހަތުން ސްޕެއިންގެ ވެލެންސިއާގެ ޑިފެންޑަރު، ސްކާޓްރެން މުސްތާފީ ވެސް އާސެނަލް އަށް ސޮއިކޮށްފި އެވެ.

ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި މުސްތާފީ އާސެނަލްއަށް ސޮއިކުރީ، 35 މިލިއަން ޕައުންޑްގެ އަގަކަށް، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 24 އަހަރުގެ މުސްތާފީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވެންގާ ބުނީ އޭނާ އެހުރީ އެންމެ ރަނގަޅު އުމުރުގައި ކަމަށާއި މުސްތާފީ އަކީ އިނދިކޮޅު ފޯވާޑުން ހުއްޓުވުމުގެ ގާބިލްކަން ހުރި މޮޅު ޑިފެންޑަރެއް ކަމަށެވެ.

"މުސްތާފީ މި ގެނައި މުސްތަގްބަލައް ވެސް ބަލާފަ އުމުރުން ހަގު ކުޅުންތެރިއެއް ގެނައުމުގެ ގޮތުން. ނަމަވެސް އޭނާ އަކީ ތަޖުރިބާ ގިނަ ކުޅުންތެރިއެއް. އޭނާގެ ފަރާތުން އާސެނަލްގެ ސަޕޯޓަރުން ހިތް ހަމަޖެހޭ ފެންވަރުގެ ކުޅުމެއް ފެނިގެން ދާނެ،" ވެންގާ ބުންޏެވެ.

އެވަޓުން އިން 2009 ވަނަ އަހަރު ކެރިއަރު ފެށި މުސްތާފީ ވަނީ އިޓަލީގެ ދެވަ ޑިވިސަންގެ ކުލަބަކަށް ކުޅެ 2014 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވެ އެ ޓީމްގައި މޮޅު ކުޅުމެއް ދައްކައި އެ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނާ އެކު ކާމިޔާބު ކޮށްފަ އެވެ.

މުސްތާފީ އަދި ޕެރޭޒް އާސެނަލްއާ ގުޅުމުން މިއީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އާސެނަލްއަށް ގެނައި ހަވަނަ ކުޅުންތެރިއާ އެވެ. މީގެ ކުރިން އާސެނަލް އަށް ގެނައި ކުޅުންތެރިންނަކީ، ގްރަނިޓް ޒާކާ އާއި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ރޮބް ހޯލްޑިންގް އާއި ޓަކުމާ އަސާނޯގެ އިތުރުން ކެލެޗީ އެންވަކާލީ އެވެ.