ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގައި އުފެއްދުންތައް އުފައްދާ މާކެޓު ކުރުމަށް ޓަކައި ކުޑަކުދިން ކުޅޭ ސާމާނު އުފައްދައި އެކްސްޕޯޓް ކުރުމަށް ކުރަން ޖެހޭ މަަސައްކަތްތައް ކުރަން އިކޮނޮމިކް މިނިސްޓްރިން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ސަން އަށް ވިދާޅުވީ އެކަށޭނަ ގޮތެއްގައި ރާއްޖޭގައި އެކިއެކި އުފެއްދުންތައް އުފައްދައި ރާއްޖެއާއި ރާއްޖެ އިން ބޭރަށް މާކެޓުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމުގެ ފެށުމެއްގެ ގޮތުން ކުޑަކުދިން ކުޅޭ ސާމާނު އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.

"ސޮޕްޓް ޓޯއީޒް އިންޑަސްޓުރިއަލް ފެންވަރަކަށް އުފެއްދުމުގެ މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. މިހާރު ބޮޑަށް މިބަލަނީ ސޮފްޓް ޓޮއީޒްއަށް، މިހެން މިސީރީޒް ކުރިއަށްދާނެ،" ތައުފީގް ވިދާޅުވި އެވެ.

ކުޑަކުދިން ކުޅޭ ސާމާނުގެ އިތުރުން ލިޔެލާ ޖެހި ސާމާނާއި ނާށިން އުފައްދާ ތަކެތި ރާއްޖޭގައި އުފައްދައި މާކެޓު ކުރުމަށް ނިންމާފައިވާ ކަމަށް ތައުފީގް ވިދާޅުވި އެވެ.

އެކަމަށް ބޭނުންވާ ފެކްޓްރީ އެޅުމާއި އެހެނިހެން ތައްޔާރީތައް މިނިސްޓްރީން ވަމުން ދާއިރު މި އަހަރު ތެރޭ މަސައްކަތް ފެށޭނެ ކަމަށް ތައުފީގް ވިދާޅުވި އެވެ.

"މިނިސްޓްރީގެ ބިޒުނަސް އެންހޭންސްމަންޓް، ވިޔަފާރި ކުރިއެރުމަށް ޓަކައި ހެދެމުންދާ މަރުކަޒެއް މިމަރުކަޒަކީ، ކައިރި މުސްތަގުބަލެއްގައި ޓާގެޓެއް އެއީ،" ތައުފީގް ވިދާޅުވި އެވެ.

މިދިޔަ އަހަރު އެ މިނިސްޓްރީން ވަނީ 12 އަހަރު ފަހުން ދިވެހި އުފެއްދުންތެރިންގެ ގައުމީ މައުރަޒު ވެސް ފަށައިފަ އެވެ.