މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން )އެމްއެންބީސީ(ގެ ދަށުން މިހާރު ހިންގަމުންދާ ކުރީގެ ޓެލެވިޒަން މޯލްޑިވްސްގެ ލައިބްރަރީ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ލީޑާ ރީކޯ މޫސާ މަނިކު އިންނަވައިގެން ވީޑިއޯ އާކައިވް ސިސްޓަމާ ކުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކުވެއްޖެ އެވެ.

ްއެ ފޮޓޯތަކުން ފެންނަނީ މިހާރު އެމްއެންބީސީ ވަންގެ ނަމުގައި ހިންގާ ކުރީގެ ޓީވީއެމް ލައިބްރަރީގައި ބަހައްޓާފައި ހުރި ސިސްޓަމެއް ކައިރީ އިށީނދެވަޑައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވީޑިއޯ ކްލިޕެއް ބަައްލަވާ މަންޒަރެވެ. އެއީ 2003 ވަނަ އަހަރު އީވާން ނަސީމް މާފުށީ ޖަލުގައި މަރާލުމާ ގުޅިގެން ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ބެހޭ ގޮތުން މައުމޫން ދެއްކެވި ވާހަކަފުޅުގެ ރިކޯޑިން ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފައި އެވެ.

ނަން ނުޖެހުމަށް އެދި ސަން އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، ރީކޯ މޫސަ އެމްއެންބީސީގެ ލައިބްރަރީއަށް ވަޑައިގެން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުގެ މަންޒަރުތައް ރީކޯ މޫސަ ބައްލަވައި، ބޭނުންވެވަޑައިގަންނަވާ ކްލިޕްތަކުގެ ކޮޕީ ހައްދަވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ އިސްވެރިންގެ މަންޒަރުތައް ވަރަށް ގިނައިން ރައީސް އޮފީހަށް ގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެމްއެންބީސީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު އާސިފް )މޮންދު( ވިދާޅުވީ، އެތަނުގެ ލައިބްރަރީއަށް ރޭ ރީކޯ މޫސަ ވަޑައިގަތީ އޭނާ އަށް އެނގިވަޑައިގެން ނޫން ކަމަށެވެ. އެހެންނަމަވެސް، ފަހުން އެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށާއި މޫސަ ލައިބްރަރީއަށް ވަދެވަޑައިގަތީ ވެރިންގެ ހުއްދަ ލިބިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.

"އާއްމުކޮށް ހުޅުވާލެވިފައި ހުންނަ ތަނެއް ނޫން ލައިބްރަރީއަކީ. އެހެންނަމަވެސް، ބައެއް މުހިންމު ހާލަތްތަކުގައި ބައެއް ކަހަލަ ޕްރޮގްރާމްތައް އުފެއްދުމަށް ބޭނުންވާ މެޓީރިއަލްތައް ބަލައިލުމަށް ބޭރުން މީހުން ވަދޭ. އެއީ ތަނުގެ ވެރިންގެ ހުއްދަ ހޯދައިގެން. އެހެންވީމަ އެ އުސޫލުން ކަމަށް އަޅުގަނޑަށް ޔަގީން ކުރެވެނީ ރީކޯ މޫސަ ވަދެއިންނެވި ކަމަށްވަންޏާ އެތަނުގައި އެ އިންނެވީ." މޮންދު ވިދާޅުވި އެވެ.

ކޮމެންޓެއް ހޯދުމަށް ރީކޯ މޫސަ އަށް ގުޅުމުން އޭނާ ވަނީ "މިވަގުތު ބިޒީ" ކަމަށް ވިދާޅުވެ، ފޯނު ކަނޑުއްވާލައްވައިފަ އެވެ.

މި ފޮޓޯތައް ލީކުވެފައި މިވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު ޖަލުތަކުގައި ގައިދީންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެކަމުގައި ކުށްވެރިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އިއުލާންކޮށްފައިވަނިކޮށެވެ. އަދި މާފުށީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މުޖުތަމައުއަށް ދޫކޮށްފައިވާ ބަޔަކު ދާދި ފަހުން ހައްޔަރުވެސް ކޮށްފައިވަނިކޮށެވެ.