އާސެނަލްއާ ގުޅުމަކީ ހަޔާތުގައި ނިންމި ބޮޑު ނިންމުމެއްގެ ގޮތުގައި އެ ކްލަބާ އަލަށް ގުޅުނު ސްޕެއިން ފޯވަޑް ލޫކަސް ޕެރޭޒް ސިފަކޮށްފި އެވެ.

ސްޕެއިންގެ ޑިޕޯޓިވޯ ލަކަރޫނާ އިން އާސެނަލްއާ އުމުރުން 27 އަހަރުގެ ޕެރޭޒް ގުޅިފައިވަނީ 17 މިލިއަން ޕައުންޑްގެ އަގަކަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. މިއީ އަހަރެންގެ ކެރިޔަރުގައި ނިންމަން ޖެހުނު ބޮޑު ނިންމުމެއް. ވަރުގަދަ ތާރީހެއް ހިމެނޭ ކްލަބަކާ ގުޅި، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގައި ކުޅެން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް. އާސެނަލަށް އާދެވުމުން އަހަރެން ފަހުރުވެރިވަން،" ޕެރޭޒް ބުންޏެވެ.

ޑިޕޯޓިވޯ ލަކަރޫނާ އިން އާސެނަލްއާ ގުޅުނު ފޯވަޑް ލޫކަސް ޕެރޭޒް: އޭނާ އާސެނަލްއާ ގުޅުނީ 17 މިލިއަން ޕައުންޑްގެ އަގަކަށް ---

ޕެރޭޒް ބުނީ، އާސެނަލަކީ ކޮބައިކަން އޭނާ އަށް އެނގޭ ކަމަށާއި ސްޕެއިންގައި ޕްރިމިއާ ލީގަކީ މަޝްހޫރު ލީގެއް ކަމަށެވެ. އަދި ވަގުތުވާ ވަރަކުން ޕްރިމިއާ ލީގުގެ މެޗުތައް އޭނާ ކުރިން ބަލާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އާސެނަލަކީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ހިމެނޭ ކްލަބެއް. އަދި އެއީ މޮޅު ފުޓްބޯޅައެއް ކުޅެމުންދާ ކްލަބެއް. އެ ކްލަބަކީ ކާމިޔާބު ހޯދުމަށް ވާދަކުރާ ކްލަބެއް. އަހަރެން ވެސް ކްލަބުގައި އަހަރެންގެ ފެންވަރު ދައްކާލަން ބޭނުން،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޑިޕޯޓިވޯ ލަކަރޫނާ އަށް ޕެރޭޒް ވަނީ މޮޅު ކުޅުމެއް ދައްކައި، 36 ލީގު މެޗުން 17 ލަނޑު ކާމިޔާބުކޮށްފަ އެވެ.