ދުވަހުގެ އެންމެ މުހިއްމު ކެއުމަކީ ހެނދުނުގެ ނާސްތާ އެވެެ. ސަބަބަކީ ހެނދުނުގެ ނާސްތާގެ ސަބަބުން މުޅި ދުވަހުގެ މަސައްކަތަށް އަސަރު ކުރާތީ އެވެ. އަދި ދުވާލެއްގެ މައްޗަށް ކެވޭ މިންވަރު ވެސް ހެނދުނުގެ ނާސްތާ އާއެކު ތަފާތު ވާތީ އެވެ.

އެހެންކަމުން ހެނދުނުގެ ނާސްތާ އަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހަނދާން ބަހައްޓަންވީ ހެނދުނުގެ ނާސްތާއަށް ކޮންމެ ކޮންމެ އެއްޗެއް ކެއުމަކީ ވެސް އަދި ރަނގަޅު ގޮތް ނޫން ކަމެވެ. ހެނދުނުގެ ނާސްތާގައި ކޮންމެހެން ހިމެނުން މުހިންމު ކާނާ އާއި ހިމަނަން އެކަށީގެން ނުވާ ކާނާ ހުރެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ހެނދުގެ ނާސްތާގައި ހިމަނަން އެންމެ ރަނގަޅު ބައެއް ކާނާ އަށެވެ.

1. ބިސް

ބިހަކީ ވަރަށް ގިނައިން ޕްރޮޓީން އެކުލެވޭ ކާނާ އެކެވެ. ހެނދުނުގެ ނާސްތާގައި ބިސް ހިމަނާ ނަމަ، ބަނޑުހައިވުމުން ދުރުކޮށްދެ އެވެ. އަދި ކެލޮރީގެ މިންވަރު ދަށްކޮށްދީ ލޭގައި އިންސުލިން ހުންނަ މިންވަރު ހިފަހައްޓަ އެވެ.

2. ގްރީކް ޔޯގަޓް

ގްރީކް ޔޯގަޓަކީ ވެސް އޭގައި ޕްރޮޓީން އެކުލެވޭ ކާނާ އެކެވެ. ޕްރޮޓީންގެ ސަބަބުން ބަނޑުހައިވާ މިންވަރު ދަށްކޮށްދެ އެވެ. އޭގެ އިތުރުން ޔޯގަޓަކީ ބަރުދަން އެއް މިންވަރެއްގައި ހިފެހެއްޓުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

3. ކޮފީ

ކޮފީ އަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް، ކޮފީ އަކީ ހެނދުނުގެ ނާސްތާ އަށް ވަރަށް މުހިންމު އެއްޗެކެވެ. ސަބަބަކީ ކޮފީގައި ހިމެނޭ ކެފެއިން މާއްދާގެ ސަބަބުން ނިދި ފިލުވާލައި މީހާ ހޭލައްވައިލާތީ އެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ހަތަރު ތަށްޓަށް ވުރެ ގިނައިން ކޮފީ ބުއިމަކީ ސިއްހަތަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

4. އޯޓްމީލް

އޯޓްމީލް އަކީ ހެނދުނުގެ ނާސްތާ އަށް އެންމެ ރަނގަޅު އެއް ކާނާ އެވެ. އޯޓްމީލްގައި ހިމެނޭ ފައިބަރ އެއްގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދެ އެވެ. އޭގެ އިތުރުން އޯޓްމީލް އަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.

5. ގްރީން ޓީ

ގްރީން ޓީ އަކީ ވެސް މީހާ ނިދިން ހޭލައްވާލައި، ސިކުނޑި ތާޒާކޮށްދޭ އެއްޗެކެވެ. ގްރީން ޓީ ގައި ވެސް ކޮންމެސް ވަރަކަށް ކެފެއިން އެކުލެވެ އެވެ. ނަމަވެސް އެއީ ކޮފީ އާއި އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. ގްރީން ޓީ އަކީ ހަކުރު ބަލިން ދުރުކޮށްދޭ އެއްޗެއް ވެސްމެ އެވެ.

6. ބަދަން

ހެނދުނުގެ ނާސްތާގައި އެކި ކަހަލަ ބަދަން ބޭނުން ކުރާނަމަ، ބަނޑު ފުރިފައި ހުންނަ އިހުސާސް ކުރެވޭނެ އެވެ. އަދި ހަށިގަނޑުގެ ބަރުދަން އިތުރު ވިޔަ ނުދީ ހިފެހެއްޓުމަށް ވެސް އެހީތެރިވެދެ އެވެ.