30 Aug 2016, 22:36
އިންވެސްޓް ކުރުމަށާއި ވިޔަފާރި ކުރުމުގައި ގައުމެއްގައި އޮތް ހީރާސް (ރިސްކު) ދެނެގަނެވޭ ފަދަ މައުލޫމާތުތައް ހިމެނޭ ސޮވެރިން ކްރެޑިޓް ރޭޓިންގ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދަން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ސޮވަރިން ކްރެޑިޓް ރޭޓިންގްއެއް ރާއްޖޭގައި ހެދުމުން، ރާއްޖޭގައި އިންވެސްޓް ކުރުމުގައި އޮތް ވިޔަފާރީގެ އަދި ސިޔާސީ ރިސްކުތައް ފަދަ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކްރެޑިޓް ރޭޓުކުރާ އޭޖެންސީއަކުން ރާއްޖެއަށް ވަކި ވަރެއް ރޭޓު ކުރެއެވެ. މި ރޭޓިންގ ދޭ އިރު، ރޭޓިންގް ހަދާ އޭޖެންސީއިން ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާނެއެވެ.
ބައިނަލްއަގުވާމީ ބޮންޑު މާކެޓުތަކުގައި ފަންޑިންގ ހޯދުމަށް، ރަނގަޅު ސޮވަރިން ކްރެޑިޓް ރޭޓިންގްއެއް ހޯދުމަކީ ކުރިއަރަމުން އަންނަ އިގްތިސާދުތައް އޮންނަ ގައުމުތަކަށް މުހިންމު ކަމެކެވެ.
ރާއްޖޭގައި ސޮވަރިން ކްރެޑިޓް ރޭޓިންގ ހަދަން ނިންމާފައިވާކަން އިއުލާން ކުރެއްވީ، މީރާއާއި އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް-ކޮރެއާ ޕޮލިސީ ސެންޓަރާ ގުޅިގެން މިއަދު ސްޓެލްކޯގައި ބޭއްވި ސެމިނާއެއްގައި، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސޮވެރިން ކްރެޑިޓް ރޭޓިންގ ހެދުމަށް ނިންމާފައިވާ ކަމަށާއި، އެކަން ކުރުމަށް ނިންމީ ރާއްޖޭގައި ހިނގަމުންދާ މެގަ ޕްރޮޖެކްޓުތަކަށް ފައިނޭންސިންގް ބޭނުންވާތީ ކަމަށެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް އެންމެ މަތީ ޖީޑީޕީ ރޭޓެއް ރާއްޖޭގައި އޮންނަ އިރު، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރުމަށް އިގްތިސާދީ ހާއްސަ ސަރަހައްދުތަކުގެ ގާނޫނު ފަދަ ގާނޫނުތައް ހެދިފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިކަންކަމާ ގުޅިގެން ވެސް ރާއްޖޭގެ މާލީ ނިޒާމު އެހެން ގޮތަކަށް ބަދަލުކޮށްލަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން، އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަން ފަސޭހަ ކޮށްދިނުމުގެ ގޮތުން ސޮވެރިން ކްރެޑިޓު ރޭޓިންގ ހަދަން ނިންމާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގަިއ ވެސް މިކަން ކުރެވޭ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މޫޑީޒް އިންވެސްޓާ ސާވިސެސްއާ ގުޅިގެން މީގެ އެކްސަސައިޒެއް ވެސް މިހާރު ހަދާފައިވާ ކަމަށެވެ.
މޫޑީޒް އިންވެސްޓާ ސާވިސެސްއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ތިން ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ އޭޖެންސީއެކެވެ.