ޏ. ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި ކަމުގެ ތުހުމަތު ގައި މީހަކު ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ތިން ބެއިންގެ ތެރެއިން އެކަކު ހަ މަހަށް ޖަލަށް ލުމަށް އަދި އަނެއް ދެ މީހުން ޖޫރިމަނާ ކުރަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ފުވައްމުލަކު ކޯޓުން ބުނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެގެން ހަ މަހަށް ޖަލަށް ލުމަށް ހުކުމްކުރީ ވައިގޭ އަހުމަދު މުސްލިމް 20، މައްޗަށް ކަމަށެވެ.
އަދި 12،00ރ. އިން ޖޫރިމަނާ ކުރީ މުސްލިމްގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ އިބްރާހިމް މުފްލިހް 18، އާއި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށެވެ.

އެ ތިން މީހުން ފުލުހުން ހައްޔަރު ކުރަން ޖެހުނީ އެ މީހުންގެ ބައްޕަ މުހައްމަދު މުހުތާރު 41، އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ބަނދެގެން އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީގެ ތިން ހަފުތާ ކުރިން ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެންނެވެ.

މުޚްތާރުގެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ފުލުހުން މިހާރު ވަނީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފަ އެވެ.

މުސްލިމާއި މުފްލިހަކީ ތަފާތު ކުށްކުށުގައި މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ ދެބައިންނެވެ. އޭގެ ތެރެއިން އެކަކު ފުވައްމުލަކު ދެމަފިރިއަކު ސައިކަލެއްގައި ދަނިކޮށް އަންހެން މީހާ ހިފަހައްޓައި ރޭޕްކުރި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރު ކުރި އެވެ.