05 May 2010, 05:18
10:00
އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ ނޭޝަނަލް ސެކިއުރިޓީ އެކްޓް އެސެސްމަންޓްގެ ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި އެބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އޮނިގަނޑު އިތުރަށް ފުރިހަމަ ކުރުމުގައި، އެމެރިކާއިން އެހީތެރިކަން ފޯރުއްވައިދެއްވިދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްދަލުކުރެއްވުމުގައި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއިން މިވަގުތު އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ދާއިރާތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން، މި ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމާއި، އިންޑިޔާ ކަނޑުގައި ޢާންމު ވެފައިވާ ކަނޑުފޭރުމުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ޤައުމީ ސަލާމަތާބެހޭ އޮނިގަނޑު އިތުރަށް ވަރުގަދަ ކުރުމުގައި، މި ކަންކަމާ ދެކޮޅަށް އެންމެ ފުރިހަމަ ގޮތެއްގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް އެކަށައެޅުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ އޮނިގަނޑު އިތުރަށް ވަރުގަދަ ކުރުމުގައި އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުވައިދެވިދާނެ ގޮތްތަކާބެހޭގޮތުން އެ ވަފްދުގެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.