ޑިޓިއުން ބޭންޑަކީ ދިވެހިންގެ ތެރެއަށް މިއަދު އާ ބޭންޑެއް ނޫނެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރު "ނޫން ނޫން ނުދޭ"، "ވައި ސޯންގް" އަދި "ނަޝާލާ" ފަދަ ލަވަތަކުން އަސްލަކީ ޑިޓިއުންގެ ފަސް މެމްބަރުންގެ ބުރަ މަސައްކަތެވެ. އެ ބޭންޑުގެ ކޮންމެ ވީޑިއޯ ލަވައަކީ ވެސް ތަފާތު މޮޅު މަސައްކަތެކެވެ. ލަވަތަކުގެ ނަންތައް ވެސް އެހާމެ ތަފާތެވެ.

ޑިޓިއުން އިން މިދިޔަ އާދީއްތަ ދުވަހު ރިލީޒްކުރި އާ ވީޑިއޯ ލަވަ، "އައްޗީ ޗީ ޗީ"ގެ ޓީޒާއެއް ދައްކަން ފެށި ހިސާބުން ވެސް އެއީ ތަފާތު ލަވައެއްކަން އެތައް ބަޔަކު ލަފާކުރި އެވެ.

މިހާތަނަށް ތަފާތު ދައްކާފައިވާ ބޭންޑަކުން ގެނެސްދޭ ލަވައަކަށް އެކަނި ވުމަކުން އެކަންޏެއް ނޫނެވެ. ބޭންޑުގެ މެމްބަރުންގެ ކުޅަދާނަ އެކްޓާއި ލަވައިގެ ވީޑިއޯ ޕްރޮޑަކްޝަން ކޮށްފައި ވަނީ ކުޅަދާނަ ޕްރޮޑަކްޝަން ޓީމު، ޗޮޕާޓުން ކަމަށް ވެސް ވާތީ އެވެ.

ކޮންމެ އަކަސް، ޑިޓިއުން ބޭންޑަށް ދިމާވެފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ އެ ލަވައިގެ ހާދިސާ ލިޔެފައި ވަނީ، އެ ލަވަ ކިޔާފައިވާ ބޭންޑްގެ ފިރިހެން ލީޑް ވޯކަލިސްޓް އަހުމަދު ފުރުގާން (ފުޖީ) އާއި ބޭންޑުގެ ގިޓަރިސްޓް އަދި ލަވަކިޔުންތެރިޔާ ފާތިމަތު ފެޒްލީން (ފެޒޫ) އެވެ.

ބޭންޑުގެ ހުރިހާ މެމްބަރުން ވެސް ތަފާތު ކެރެކްޓާތަކަކުން ފެނިގެންދާ އިރު، ހާދިސާއަށް ކުދި ބަދަލުތަކެއް ގެނެސް ލަވައިގެ ސްޓޯރީބޯޑު ގެނެސްދީފައި ވަނީ ޗޮޕާޓެވެ.

ޑިޓިއުން ބޭންޑުގެ އެންމެ ފަހުގެ ލަވަ އަށް ގިނަ ބައެއްގެ ތަރުހީބު އޮހެމުންދާ އިރު، އެ ލަވަ ޔޫޓިއުބުގައި ލޯންޗުކުރިތާ 12 ގަޑިއިރުގެ ތެރޭގައި އެގާރަ ހާސް މީހުން ވަނީ އެ ލަވަ ބަލާފަ އެވެ. މިއީ ތަފާތު ދިވެހި ލަވަތަކަށް ދިވެހިން ބޭނުންވާ ކަމުގެ ހެއްކެކެވެ.

އެތަރުހީބު ޑިޓިއުނުން ވެސް ފާހަގަކުރަނީ އުފަލާއެކު އެވެ. ޑިޓުއުންގެ މި ތަފާތު ލަވަ ބެލުންތެރިންނާ ހިއްސާކުރަމުން، ޑިޓިއުން ބޭންޑުގެ މިފަދަ އުފެއްދުންތެރި ވީޑިއޯ ލަވަތަކެއް ފެނިގެންދިއުމަކީ ދިވެހިންގެ އުއްމީދަކަށްވާނެ އެވެ.