ތިނެއް ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޢަބްދުﷲ ލުޠުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ހޯދާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ބޭރުގެ ބަޔަކާއެކު ރާއްޖެ އައިސް ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއްނެތް އެތައް ބަޔަކު މަރުވެފައިވާތީ ދައުލަތުން ދައުވާކޮށް ޢުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނިކޮށް، 2011 ވަނައަހަރު ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ހުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ފިލައިގެން އުޅޭތީ ކަމަށެވެ.

ލުތުފީ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްދޭ މީހަކަށް 10،000 ޑޮލަރުގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.