30 Aug 2016, 16:58
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދީފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދު ހައްޔަރުކުރުމުގެ އަމުރު ހޯދާފައި ވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިފާހަގަ ކޮށްފައިވާ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަޙްޤީޤަށާއި، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ޖަލުހުކުމް ތަންފީޒް ކުރަން ފިލައިގެން އުޅޭތީ ކަމަށެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ޑރ. ޖަމީލާއި އަކްރަމް ހައްޔަރުކުރަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކޯޓު އަމުރު ހޯދާފައިވަނީ އެ ދެ މީހުން ތަޙްޤީޤަށް ހާޒިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މަސައްކަތްކުރި ނަމަވެސް ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައިނުވުމުގެ އިތުރުން ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަދެއްކުމަށް މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ދިން 14 ދުވަހުގެ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ ދެ ބޭފުޅުން ހާޒިރުވެފައި ނުވާތީ އާއި ހާޒިރު ނުވެވޭ ސަބަބެއްވެސް އަންގާފައި ނުވާތީ ތަޙްޤީޤު ފުރިހަމަ ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ އެންގުން އެންގި ދުވަހު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބުނެފައި ވަނީ ޑރ. ޖަމީލް ރާއްޖެ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމުން ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ސިއްރުން ހެކިބަސް ދިން މީހަކު ބުނެފައި ވަނީ ރައީސް ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރުކުރަން މީގެކުރިން ކުރި މަސައްކަތުގެ އެންމެ އަޑީގައި ހުންނެވީ ޑރ. ޖަމީލް ކަމަށެވެ. އަދި އެކަމުގައި އަކުރަމް ވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ސިއްރުން ހެކިބަސްދިން މީހާ ވަނީ ބުނެފައެވެ.