ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަނުން ދައްކާ ކުރެހުމަކާ އެއްގޮތަށް، ހުޅުމާލޭގައި ސްކޫލް އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ މަސައްކަތުގެ ބިޑްސެކިއުރިޓީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ހުށަހަޅަންޖެހޭއިރު، މަސައްކަތަށް ހޮވޭ ފަރާތަކުން ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ހުށަހަޅަންޖެހެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން 'ސަން'އަށް މިއަދު ވިދާޅުވީ، ހުޅުމާލޭގައި އާ ސްކޫލެއް އަޅަން ނިންމާފައިވަނީ އެ ރަށުގެ އާބާދީ އިތުރުވަމުންދާތީ، އިތުރު ސްކޫލެއް ބޭނުންވާތީ ކަމަށެވެ. އަދި ވިދާޅުވީ، ބީލަމަށް ހުޅުވާލި ސްކޫލަކީ އެންމެ ފަހުން ހުޅުމާލޭގައި ހުޅުވި ރެހެންދި ސްކޫލްފަދަ ބޮޑު ސްކޫލެއް ކަމަށާއި އެ ސްކޫލުގައި މަތީ ސާނަވީ ގްރޭޑްތަކަށް ވެސް ކިޔަވައިދޭނެ ކަމަށެވެ.

އިތުރު ތަފްސީލް ހާމަކުރާނީ ކޮންޓްރެކްޓަރެއް ހަމަޖެހި، މަސައްކަތް ހަވާލުކުރުމަށްފަހު ކަމަށާއި އުންމީދަކީ އަލަށް އަޅަން ބީލަމަށް ހުޅުވާލި ސްކޫލުގެ މަސައްކަތް އަންނަ އަހަރު ނިންމާލުމަށް ކަމަށް ސައިމަން ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައިއޮފީހުގައެވެ. ބިޑް ހުޅުވުން އޮންނާނީ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ހުޅުމާލޭގައި މިހާރު ހަތަރު ސްކޫލް ހުރެއެވެ. އެއީ ސަރުކާރުން ހިންގާ ދެ ސްކޫލާއި އިންޓަނޭޝަނަލް ސްކޫލެއްގެ އިތުރުން އަމިއްލަ ފަރާތަކުން ހިންގާ ޕްރީ ސްކޫލެކެވެ. ހުޅުމާލޭގައި އެންމެ ފަހުން ހުޅުވި ސްކޫލަކީ މިދިޔަ އަހަރުގެ ދިރާސީ އާއަހަރާއެކު ހުޅުވި ރެހެންދި ސްކޫލެވެ.

ހުޅުމާލޭގައި މިހާރު 35000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، އަންނަ އަހަރުގެ ތެރޭގައި އިތުރު 10،000 މީހުން އެތަނަށް އިތުރުވާނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.