30 Aug 2016, 16:21
ތުރުކީއަށް ދިޔައީ ވިޔަފާރި މުއާމަލާތެއްގައި ކަމަށާއި ބޯޑަރު ހުރަސްކޮށް ސީރިއާއަށް އެތެރެވާން ނޫން ކަމަށް ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން ހައްޔަރު ކުރި ތިން މީހުން ބުނެފި އެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދާން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫ މުގުރިގެ އަހުމަދު ލަތީފުއާއި ގދ. ރަތަފަންދޫ ނީލްވިލާ އަހުމަދު ސުލައިލް މޫސާގެ އިތުރުން ތ. ގާދިއްފުށި، ސީނަރީގޭ މުނައްވަރު އަބްދުﷲ އެވެ.
އެތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ އެވެ. އެމައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިން މީހުންގެ ފަރާތުން ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ އެ ތިން މީހުން ވެސް ތުރުކީއަށް ދިޔައީ ވިޔަފާރި މުއާމަލާތެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީއިން ވެސް ގާނޫނަކުން ވެސް ތުރުކީއަށް ދިއުން މަނާ ނުކުރާ ކަމަށެވެ.
ވިޔަފާރި މުއާމަލާތެއްގައި ނުވަތަ އެނޫން ވެސް ބޭނުމަކަށް ރާއްޖޭން ބޭރަށް ދިއުމަކީ ވެސް ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ. އެ ތިންމީހުން ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސްކުރަން އުޅުނު ކަމަށް ދައުވާގައި ބުނާއިރު ބޯޑަރުން އެތެރެވާން އުޅުނުކަން ސާބިތު ކޮށްދިނުމަށް ވަކީލު ވަނީ އެދިފަ އެވެ.
މައްސަލާގައި ދައުލަތުގެ ފަރާތުން މިހާތަނަށް ހުށަހަޅާފައި ވަނީ އެ ތިން މީހުންގެ ފޯނު ކޯލުތަކުގެ ރެކޯޑިން އާއި ޓްރެވަލް ޑޮކިއުމެޓްތަކެވެ. ވަކީލު ވިދާޅުވީ ދައުލަތުން އިތުރު ލިޔެކިޔުންތައް ހުށަހެޅުމުން އެއާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށެވެ. އަދި ފޯނުކޯލު އަޑުއެހީ ކޯޓު އަމުރެއްގެ ދަށުންތޯ ސާފުކުރަން ބޭނުންވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ފޯނުކޯލު އަޑުއެހީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަމުރުގެ ކޮޕީއެއް ހުށަހަޅާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ހެކި ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތަކަށް ތިން މީހުންގެ ފަރާތުން ވަކީލު އެދުމުން އެފުރުސަތު ދިނުމަށް ފަހު އެވެ.
ދައުލަތުން އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނުނުގެ 16 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ ދެވަނަ ނަމްބަރުގެ (ނ) ގެ ދަށުންނެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނުނުގެ 16 ވަނަ މާއްދާގެ (ހ)
- އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހި ސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން.
މިދައުވާ ސާބިތު ވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނޭކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.