30 Aug 2016, 16:38
އދ. އަތޮޅަށް އަމާޒުކޮށްގެން އެ އަތޮޅު މަހިބަދޫގައި ބާއްވަން ހަމަޖައްސާފައިވާ ޖޮބް ފެއާ ނުވަތަ "ކިއްސަރު ފެއާ"، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
ޔޫތް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސެއިން އަމީން މިއަދު ވިދާޅުވީ، ފެއާ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ފެއާ ދެ ދުވަހަށް ކުރުކޮށް، އަންނަ ހަފްތާ ބަންދަށް ލަސްކޮށްފައިވާ ކަމަށެވެ.
މަހިބަދޫގައި ހުންނަ އދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވަން ނިންމާފައިވާ ކިއްސަރު ފެއާއަށް މަހިބަދޫއަށް ދާން ބޭނުންވާ އދ. އަތޮޅުގެ ރައްޔިތުންނަށް އަތޮޅު ފެރީގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރާ އަމިއްލަ މުއައްސަސަތަކުން ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ބާއްވަމުން އަންނަ އެ ފެއާ، ދެކުނަށް އަމާޒުކޮށްގެން މި އަހަރުގެ ކުރީކޮޅު އައްޑޫ ސިޓީގައި ވަނީ ބާއްވާފަ އެވެ.
އަމީން ވިދާޅުވީ، މަހިބަދޫގައި ބާއްވާ ފެއާގައި ގާތްގަނޑަކަށް 10 ރިސޯޓާއެކު 20 ސުޓޯލް ހިމެނޭ ކަމަށެވެ. އަދި ފެއާ އިން 160 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތާއި 30 އަށްވުރެ ގިނަ އިންޓާންޝިޕްގެ ފުރުސަތު ފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.