01 Jun 2011, 11:47
ހދ. ހަނިމާދޫގައި ހޮޓަލެއް ތަރައްގީ ކުރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ފާތުމަތު ތަސްލީމާ އާއި ސަރުކާރާ ދެމެދު އެއްބަސް ވެފައިވީ ނަމަވެސް، އެ މައްސަލައިގައި ވަކި ގޮތަކަށް އަންގަންދެން ކުލި ނުނެގުމަށް ސިވިލް ކޯޓުން ޓޫއަރިޒަމް މިނިސްޓްރީގެ މައްޗަށް އިއްޔެ އަމުރުކޮށްފި އެވެ.
ޓޫއަރިޒަމް މިނިސްޓްރީއާ ދެކޮޅަށް ތަސްލީމާ ކުރައްވާ ދައުވާގައި ބުނަނީ ހަނިމާދޫގައި 200 ކޮޓަރީގެ ހޮޓަލެއް އެޅުމަށް ސަރުކާރާ ދެމެދު އެގްރިމެންޓް ހެދިފަހުން ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައި ބޭރުގެ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ކުރިން ވެސް އެކި ސަބަބުތަކާ ހުރެ ހޮޓަލުގެ މަސައްކަތް ނުފެށި ލަސްވެފައި ވަނިކޮށް އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމައި ބޭރުގެ ފަރާތަކާ ހަވާލު ކުރުމުން ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ދަތިވެފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ. އަދި ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ އެގްރިމެންޓް އިސްލާހުކޮށްގެން ސަރުކާރުގެ ފަރާތުން ކޮށްދޭން ޖެހޭ ކަންތައް ކުރުމުން ކަމަށާއި އެހެންކަމުން އެ މުއްދަތުގައި ކުލި ދައްކަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ނިހާޔަތު ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ ތަސްލީމާ ނެރެދިނުމަށް އެދެފައިވާ ވަގުތީ އަމުރުގައި ވެސް ބުނެފައި ވަނީ އެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ހުކުމް ކުރަންދެން ކުއްޔާއި ޖޫރިމަނާ ނެގުން ފަސް ކުރުމަށް އަމުރު ކުރުމަށް ކަމަށެވެ. އަދި އެ ކަންތައްތަކަކީ ތަސްލީމާގެ ދައުވާގައި ވެސް އެދިފައިވާ ކަންތައްތައްކަން ފާހަގަ ކުރައްވަމުން އެ އަމުރުގައި ބުނެފައި ވަނީ ކުލި ދައްކަން ޖެހޭނެ ކަމާ މެދު ވަނީ ހިލާފް އުފެދިފައި ކަމަށާއި އެ ކަމަށް ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ޖެހޭއިރު އެއް ފަރާތުން ކުލި ނެގުން ކުރިއަށް ގެންދިއުމަކީ އަދުލުވެރިކަމާ އެންމެ ގާތް ގޮތް ނޫން ކަމަށެވެ.
"...ސިވިލް ކޯޓުގެ ނަންބަރު ]ގަޒިއްޔާ ނަންބަރު[ ގަޒިއްޔާގެ ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން ހދ. ހަނިމާދޫގެ ކުއްޔާ ގުޅޭ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފަސް ކުރުމަށް މިނިސްޓްރީ އޮފް ޓޫއަރިޒަމް އާޓްސް އެންޑް ކަލްޗާއަށް އަންގައި އަމުރު ކުރަން،" އެ އަމުރުގައި ބުނެފައިވެ އެވެ.