ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި ހ.ފިލިކުރިގެ މޫސާ ނައީމް، 55، މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި މޯޗަރިއަށް ލައިފި އެވެ.

އޭނާ ނިޔާވެފައި ވަނީ ރޭ ފަތިހު ދޫނިދޫ ގޮޅީގައި ހުއްޓައި ހާލު ބޮޑުވެގެން ފަރުވާން ދޭން އައިޖީއެމްއެޗްއަށް ގެނައުމުގެ ތެރޭގައި މިއަދު ހެނދުނެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ އޭނާ މަރުވީ ފުލުހުންގެ ބަންދުގައި ހުރުމުން ކަމުގައިވާތިއްޔާއި އާއިލާގެ އެދުމުގެ މަތިން ޕޯސްޓްމޯޓަމްއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

"ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވިސްނަނީ، އާއިލާއިން ވެސް އެދޭ، އޭނާ އަށް ފަރުވާ ދޭން ކުރަން ޖެހުނު ހުރިހާ ކަމެއް ފުލުހުން ކުރިން، އަނެއްހެން ޝައްކު ކުރެވޭ ކަމެއް ނެތް،" އިސްމާއިލް ވިދާޅުވި އެވެ.

ޕޯސްޓްމޯޓަމް ހަދާނެ ތާރީހެއް ތަނެއް އަދި ނުނިންމައެވެ.

މޫސަ ޑޮކްޓަރަށް ދެއްކުމަށް މިމަހު 24 ވަނަ ދުވަހު ކޯޓުން ފުލުހުންނަށް އަންގާފައިވާ އިރު 25 ވަނަ ދުވަހު ހާއްސަ ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓް ހޯދުމަށް އެދިފައިވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

އާއިލާގެ ބަހެއް ހޯދުމަށް އެތައް މަސައްކަތެއްކޮށް އެކަން އަދި ވަނީ ނުވެފަ އެވެ.

މިއަދު 11:30 އިން ފެށިގެން މޫސަ މޯޗަރީގައި ބާއްވާފައިވާ އިރު މޯޗަރީއާއި ހަވާލުވެ ހުންނެވި ފަރާތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި މޫސަގެ ހަށިގަނޑުގެ ބޭރުން ޒަހަމެއް ފެންނާކަށް ނެތެވެ.

މޫސަ ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހު އެވެ. އޭނާ މައްޗަށް ތުހުމަތު ކުރެވެނީ ރާއްޖެއަށް އަށް ކިލޯ މަސް ތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށެވެ.