30 Aug 2016, 16:28
އަހަރުތަކަކަށް ފަހު ރެއާލް މެޑްރިޑަށް މި ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބު ކުރެވިދާނެ ކަމަށް އެ ކްލަބުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
ފާއިތުވި އަހަރުތަކުގައި ސްޕެއިންގައި ރެއާލަށް ކާމިޔާބެއް ހޯދިފައިނުވި ނަމަވެސް، ފާއިތުވެދިޔަ ތިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތެރެއިން ދެ ސީޒަނެއްގެ މުބާރާތް އެ ކްލަބުން ވަނީ ކާމިޔާބުކޮށްފައެވެ. ރެއާލަށް އެންމެ ފަހުން ސްޕެނިޝް ލަލީގާ ކާމިޔާބު ކުރެވިފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ.
ރެއާލްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެ ކްލަބަށް ކާމިޔާބު ކުރެވިދާނެ ކަމަށް މިހާރު ޖަރުމަންގެ ބަޔާން މިއުނިކާ ހަވާލުވެހުރި ކޯޗު އެންޗެލޮޓީ ގަބޫލުކުރެއެވެ.
"ސްޕެއިންގައި އެއީ އުނދަގޫކަމެއް. އެކަމަކު ގިނަ އަހަރުތަކަކަށްފަހު ރެއާލް މެޑްރިޑަށް މި ފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބު ކުރެވިދާނެ. އަދި ލީގުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވާނެ،" އެންޗެލޮޓީ ބުންޏެވެ.
ރެއާލަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޒައިނުއްދީން ޒިދާންއާ އެކު މިހާތަނަށް ލަލީގާގައި އެ ޓީމު ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ.