30 Aug 2016, 16:06
އެނގިހުރެ ސައްޙަ ނޫން ލިޔުމެއް އުފައްދަން އެދުނު ކަމަށް ބުނެ ގާނޫނީ ވަކީލެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އެ ދައުވާ އުފުލާފައި ވަނީ ގާނޫނީ ވަކީލު އަހުމަދު ތާލިބުގެ މައްޗަށެވެ. މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތާލިބު ވަނީ ދައުލަތުން ކުރި ދައުވާ އަށް އިންކާރު ކުރައްވައިފައެވެ.
އެ މައްސަލައަށް ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް އޭނާ އަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ދީފައެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.
ތާލިބު މިއަދު ސަން އަށް ވިދާޅުވީ އޭނާ އަކީ އެފަދަ އެއްވެސް ކަމެއް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އެހެންކަމުން އެ ދައުވާ އަށް ކަނޑައެޅިގެން މިއަދު އިންކާރު ކުރެއްވީ ކަމަށެވެ.
ތާލިބަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އޭނާ ސަސްޕެންޑުކޮށްފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭރު ކުރި އިއުލާނެއްގައި ވަނީ ތާލިބު ސަސްޕެންޑު ކުރީ އޭނައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން އަންނާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޑީޖޭއޭ އިން ބުނެފައެއް ނުވެއެވެ.
ތިން މަސް ވަންދެން އޭނާގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓުމަށްފަހު މިހާރު ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.
ސަސްޕެންޑު ކުރުމާ އެކު ތާލިބު ވަނީ އަދީބުގެ ގާނޫނީ ވަކީލު ކަމުން ވަކިވެވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ އަދީބުގެ ގާނޫނީ ވަކީލުކަމުން ވަކިވެވަޑައިގަތީ ހާލަތު އޮތްގޮތުން އެމަނިކުފާނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެން ނެތުމުން ކަމަށެވެ.
އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ކުރިން ނިންމެވީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގަކަށްވާތީ ތަހުގީގު މަރުހަލާގައި އަދީބަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.