ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ ފިރިމީހާ އެ ރަށު ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަށް ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުންދީފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ އަށް އެ ފުރުސަތު ދީފައި ވަނީ އިއްޔެ މެންދުރު ފަހު ބޭއްވި އަޑުއެހުމުގަ އެވެ.

ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާ" އާއިމީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއާއިމީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ.

"ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާ" ޝާހުގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ނަންބަރެއްގެ ދަށުންނެވެ. ނަމަވެސް އެއީ ކޮން މާއްދާއެއް ކަމެއް ނޭނގެ އެވެ.

މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ.

މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އެ ދައުވާއަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަ އަހަރެވެ.

އެ ހުރިހާ ދައުވާތައް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ޝާހު އަށް އަންނާނެ އެވެ.

ޕީޖީ އޮފީހުން އެދިގެން އިއްޔެގެ އަޑުއެހުން ބާއްވާފައި ވަނީ ސިއްރުންނެވެ. އެހެންކަމުން ޝަރީއަތް ހިނގި ގޮތުގެ ތަފްސީލު އެނގިފައެއް ނުވެ އެވެ.

އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު އިތުރަށް ގޯސްވެގެން ޒިޔާދާ މަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ.

"ޑޮކްޓަރުންގެ ފަރާތުން ލިބުނު މައުލޫމާތުން އެނގިފައި ވަނީ، ޒިޔާދާ ނައިމާ މެދުގައި ޒިޔާދާ ނައީމުގެ ފިރިމީހާ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު ގަދަކަމުން ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ޒިޔާދާ ނައީމް ޑޮކްޓަރުންގާތު ބުނެފައިވާކަމަށް،" ޝަތީހު ވިދާޅުވި އެވެ.

"ތަހުގީގަށް ލިބުނު މައުލޫމާތަށް ބަލާ އިރު ޒިޔާދާ ނައިމާ މެދު އިބްރާހީމް ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމާއި އަދި މިއަމަލު ހިންގާފައި ވަނީ ވަކިން އުޅެނިކޮށް،"

ޝަތީހު ވިދާޅުވީ އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްހީ ހާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިއްހީ ހާލަތު ގޯސްވެގެން ޒިޔާދާ އޭނާގެ ބައްޕަގެ އާއިލާގެ އެހީތެރިކަމާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މާލެ އައި ކަމަށާއި އެންމެ ފުރަތަމަ ޒިޔާދާ ދެއްކީ ޑރ. ޔަގާނެގީ ކްލިނިކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ، ޒިޔާދާ ދެއްކި ވާހަކަތަކަށާއި އޭނާގެ ސިއްހީ ހާލަތު ހުރިގޮތަށް ބެލުމަށް ފަހު ޑޮކްޓަރު ޔަގާނެގީ އައިޖީއެމްއެޗަށް އޭނާ ގެންދިޔަ ކަމަށެވެ. އަދި އައިޖީއެމްއެޗުން ޒިޔާދާ ބެލުމަށް ފަހު ފުލުހުންގެ ފެމެލީ އެންޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެ މައްސަލަ ހުށަހެޅި ކަމަށާއި އެވަގުތުން ފެށިގެން ފުލުހުންގެ ޓީމެއް އައިޖީއެމްއެޗަށް ގޮސް ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ، މިހާތަނަށް ލިބިފައި ވަނީ ޒިޔާދާގެ ޕޯސްޓު މޯޓަމް ވަގުތީ ރިޕޯޓު ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން ޒިޔާދާގެ އުޅަނބޮށީގެ 10 ސެންޓު މީޓަރު މަތިން ކަނާތުގެ ކުރިމަތީގައި ދެ ސެންޓިމީޓަރު މަތިން ލޭ ގަނޑުވެފައި ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އޭގެ އިތުރުން ވާތުގެ ކުޑަހުޅުން ތިން ސެންޓުމީޓަރަށް ލޭ ގަނޑުވެފައި ހުރި އިރު ބޮލުގެ ހަންގަނޑުގައި ލޭ ގަނޑުވެފައި ހުރި ތަނެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.