30 Aug 2016, 15:32
މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ސަރުކާރުން ހަމަޖައްސައިފި އެވެ.
ސެޕްޓެމްބަރު އަށެއް ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވާ އިރު، ސެޕްޓެމްބަރު 10 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ހައްޖު ދުވަހެވެ. އަދި ޖެހިގެން އަންނަ އާދީއްތަ ދުވަހަކީ އަޟްހާ އީދު ދުވަހެވެ. އަޟްހާ އީދު ދުވަހާއި އެ ދުވަހާ ޖެހިގެން އަންނަ ތިން ދުވަހަކީ އަބަދުވެސް ސަރުކާރު ބަންދު ދުވަސްތަކެކެވެ.
އެހެން ނަމަވެސް އަޟްހާ އީދުގެ ހަތަރު ދުވަހުގެ ޗުއްޓީއަށް ފަހު، ސެޕްޓެމްބަރު 15 ވާ ބުރާސްފަތި ދުވަހު ސަރުކާރު ހުޅުވާ ގޮތަށް ކަލަންޑަރުގައި އޮވެފައި، ދެން އަންނަ ހުކުރާއި ހޮނިހިރު ދުވަހަކީ އަނެއްކާ ވެސް ސަރުކާރު ބަންދު ދެ ދުވަހެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެޕްޓެމްބަރު 15 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
"ދެހާސް ސޯޅަ ސެޕްޓެންބަރު މަހުގެ 2 ވާ ހުކުރު ދުވަހަކީ، މި އަހަރުގެ ޛުލްޙިއްޖާ މަހުގެ1 ވަނަ ދުވަސްކަމަށް ސަޢޫދީޢަރަބިއްޔާ ސަރުކާރުން އިޢުލާން ކުރައްވައިފި ނަމަ، ސެޕްޓެންބަރު މަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ، މިފަދައިން ރައީސް ނިންމެވީ "ޢީދު ދުވަހާ ގުޅިގެން ބަންދު ކުރައްވާ ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ބަންދު ލިބޭގޮތަށް" ހަމަޖައްސައިދިނުމަށް ކަމަށެވެ.
އެހެންކަމުން، ސެޕްޓެމްބަރު އަށެއް ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވާ ވަގުތުން ފެށިގެން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.