ރާއްޖެއަށް އެތެރެކޮށް ވިއްކާ ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ "ޑައަމަންޓް" ބްރޭންޑްގެ "ލިކުއިޑް ސްވީޓްނާ" ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑައަމަންޓް ބްރޭންޑްގެ ލިކުއިޑް ސްވީޓްނާގެ ބައެއް ފުޅީގެ ކުލައާއި ވަސް ބަދަލުވެފައިވާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ޑައަމަންޓް ބްރޭންޑްގެ ލިކުއިޑް ސްވީޓްނާ ފުޅިއެއް: މި ފުޅީގެ ކޮލިޓީގެ އަސްލު ގެއްލިފައިވާތީ ބޭނުންކުރުމުގައި ސަމާލުވުމަށް ވަނީ އަންގާފައި --- ފޮޓޯ/ އެމްއެފްޑީއޭ

އެގޮތުން އެފަދަ އަސްލު ގެއްލިފައިވާ ކާބޯތަކެތި ބޭނުންކުރުމަކީ އާއްމު ސިއްހަތަށް ނުރައްކާވެދާނެ ކަމަކަށް ވާތީ އެ ފުޅިތައް ބާޒާރުން ނެގުމަށާއި ނައްތާލުމަށް ވެސް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ އެތަކެތި ވިއްކަން ބެހެއްޓުމާއި ވިއްކުމާއި އަދި ހިލޭ ބެހުމަކީ މަނާކަމެއް ކަމަށެވެ.

ޑައަމަންޓް ބްރޭންޑްގެ ލިކުއިޑް ސްވީޓްނާ ގަންނަ ނަމަ ރަނގަޅަށް ޗެކްކޮށް، ކުލަ ބަދަލުވެފައިވާ ނަމަ ބޭނުން ނުކުރުމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.