30 Aug 2016, 15:46
ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ޓީމަށް އަލުން އިރުޝާދު ދެވުމުން ވަރަށް އުފާކުރާ ކަމަށް ޖޯސެފް ޔަންކޭ ބުނެފި އެވެ.
މިހާރުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ގޯލްޑް ޓީމު ބަލިވި މެޗަށް ފަހު ޔަންކޭ ބުނީ، އަށް އަހަރަށް ފަހު އަލުން ޓީމަށް ކޯޗުކޮށްދެވުމުން ހިތްހަމަޖެހޭ ކަމަށާއި ރޭގެ މެޗަކީ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް އެފްއޭއެމުން ހިންގި ވަރަށް ރަނގަޅު ހަރަކާތެއް ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ގައުމީ ޓީމާއި ސާފް ޗެމްޕިއަން 2008 ކާމިޔާބުކުރި ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިހާރުގެ ގައުމީ ޓީމު މޮޅުވެފައިވަނީ 1-0 ލަނޑުން --- ސަން ފޮޓޯ: ފަޔާޒް މޫސާ
"އަބަދަކު ރަން މެޑެއްޔެއް ނުހޯދޭނެ. އެއީ ރާއްޖެ އަށް، ކުޅުންތެރިންނަށް އަދި ސަޕޯޓަރުންނަށް މުހިންމު ކަމެއް. އަށް އަހަރު ވަރަށް އަވަހަށް ފާއިތުވެގެން ހިނގައްޖެ. މެޗުގެ ނަތީޖާ މުހިންމެއް ނޫން. މިއީ މަޖާކޮށްލުމުގެ ގޮތުން ކުޅުނު މެޗެއް،" އޭނާ ބުންޏެވެ.
ޔަންކޭ ބުނީ، ރޭގެ މެޗަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަންގްލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު ނުކުންނަން ޖެހޭތީ އެ ޓީމުގެ ކުޅުންތެރިން ވެސް ފެންވަރު ދެއްކި ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ގައުމީ ޓީމާއި ސާފް ޗެމްޕިއަން 2008 ކާމިޔާބުކުރި ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިހާރުގެ ގައުމީ ޓީމު މޮޅުވެފައިވަނީ 1-0 ލަނޑުން --- ސަން ފޮޓޯ: ފަޔާޒް މޫސާ
"ބައެއް ފަހަރު މޮޅަށް ކުޅޭ ޓީމު ބަލިވާނެ. އެގޮތުން ބަލިވެފައި މިވަނީ މެޗުން މޮޅަށް ކުޅުނު ޓީމު (ގޯލްޑް ޓީމު)،" ޖޯކު ޖަހާލުމުގެ ގޮތުން ކޯޗު ޔަންކޭ ބުންޏެވެ.
އެކުވެރިކަމުގެ މެޗެއްގައި އަންނަ ހުކުރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ނުކުންނަން ޖެހޭ އިރު، އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހު ރާއްޖޭގައި ލާއޯސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ލާއޯސްގައި ކުޅޭ ދެ ވަނަ ލެގު މެޗަށް ގައުމީ ޓީމު ނުކުންނާނީ މި ފެށޭ މަހުގެ 11 ވަނަ ދުވަހު އެވެ.