ފަލަސްތީނުގެ ދައުލަތެއް ގާއިމް ކޮށްދިނުމަށް ރާއްޖެއިން އދ އަށް ގޮވާލައިފި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ. ފޮރިން މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ދައުލަތެއް އަވަހަށް ގާއިމްކޮށް، އެ ދައުލަތް ބަލައިގަތުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއިން އެ ކައުންސިލަށް ކަނޑައަޅާފައި ހުންނަވާ އިރުތިޝާމް އާދަމް ގޮވާލައްވާފައިވާ ކަމަށެވެ.

"... ޑިމޮކްރަސީއާއި އާއި އިންސާނީ ހައްގުތައް ހޯދުމުގެ ހަރަކާތްތަކުގެ ރާޅެއް އުތުރު އެފްރިކާއާއި މެދުއިރުމަތީގައި ފެތުރެމުންދާ ކަމަށާއި ނަމަވެސް އެކަމަށް އިންތިހާއަށް ބޭނުންވެފައިވާ ބަޔަކު އެކަމުން މަހުރޫމް ކުރެވިފައިވާ ކަން ބައިނަލް އަގުވާމީ މުޖުތަމައަށް ހަނދާންކޮށްދެމެވެ. އެމީހުންނަކީ ކޮންމެ ދުވަހަކު އެމީހުންގެ ހައްގުތައް ނަގާލެވޭ ބައެއް ނަމަވެސް އެހައްގުތައް ހޯދުމަށް އަޑުއުފުލާނެ ދައުލަތެއް ނެތް ބައެކެވެ. އަދި އެމީހުންނަކީ ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅެން ބޭނުންވާ ބައެކެވެ. ނަމަވެސް ފާއިތުވި 60 އަހަރު ދުވަހު ވެސް އެމީހުންނަށް ވަނީ އަސާސީ އިންސާނީ ހައްގެއް ކަމަށްވާ އަމިއްލަވަންތަކަން ކަނޑައެޅުމުގެ ހައްގު ނުދީފަ އެވެ. އަޅުގަނޑު މިދައްކަނީ ފަލަސްތީނުގެ ވާހަކައެވެ،" ޖެނީވާގައި އިއްޔެ ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައިނަލް އަގުވާމީ މުޖުތަމައު އިހުލާސްތެރި ނަމަ ފަލަސްތީން މީހުންނަށް އެމީހުންގެ ހައްގުތައް ލިބިދިނުމަށް އޮތް ހަމަ އެކަނި މަގަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމްކޮށްދިނުމެވެ. އަދި މިއަހަރު ގެ ފަހުކޮޅު ފަލަސްތީންގެ ދައުލަތެއް އދ. ން ބަލައިގަންނާނެ ކަމަށް ރާއްޖޭން އުއްމީދުކުރެ އެވެ. އެ ދައުލަތް ވާނީ އިސްރާއީލާއެކު ސުލްހަވެރިކަމުގައި އޮންނަ ދައުލަތެއް ކަމުގައި ވާނެ ކަމަށް ވެސް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.