30 Aug 2016, 15:13
އެމްޑީޕީގެ ސަރުކާރު ރާއްޖޭގައި ވެރިކަން ކުރި އިރު، އެ ސަރުކާރުން އަމަލުކޮށްފައި ވާނީ ރާއްޖޭގެ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމްޑީޕީއިން ބުނެފި އެވެ.
އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީ ސަރުކާރުގެ ބައެއް އޮޑިޓް ރިޕޯޓުތަކަކަށް ރިއާޔަތް ކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ހަތް ބޭފުޅަކު ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބުނާ އަންގައިފަ އެވެ.
ފައިސާ ދައްކަން އެންގި ބޭފުޅުންނަކީ
އެ ބޭފުޅުންނަކީ:
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
- ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު
- ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު
- ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
- ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
- ކުރީގެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން
- ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް ހުސައިން ރަޝީދު އަހުމަދު
މިކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި، ސަރުކާރުގެ އިސްވެރިން އަމަލު ކުރައްވާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ، ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އަދި އޮޑިޓު ރިޕޯޓެއްގައި ހިމެނޭ ކަމަކާ ގުޅިގެން މައްސަލައެއްވާ ނަމަ، ސަރުކާރުން އެއާ މެދު އަމަލުކުރަން ޖެހޭނީ އޮޑިޓު ރިޕޯޓާ ގުޅިގެން އަމަލުކުރަން އޮންނަ ހަމަތަކުގެ މަތިން ކަމަށް ދެކޭ ކަމަށް އެމްޑީޕީ އިން ބުންޏެވެ.
ފިނޭންސުން ބުނީ، ކަނޑައަޅާފައިވާ ހަތް ދުވހަުގެ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް ދައުވާ ކުރާނެ ކަމަށެވެ.
މީގެ އިތުރުން އެހެން އޮޑިޓް ރިޕޯޓުތަކުގައި ދައުލަތަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެފައިވާ ބޭފުޅުންގެ ފަރާތުން ވެސް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ހަފްތާގައި ފިނޭންސުން އެމްޑީޕީގެ ސަރުކާރުގެ އިސް ހަތް ބޭފުޅަކު ދައުލަތަށް ފައިސާ ދައްކަން އަންގާފައި އޮތް ނަމަވެސް، އެއީ ކިހާވަރެއްގެ ފައިސާއެއް ކަމާއި ކޮން މައްސަލައަކާ ގުޅޭ ފައިސާއެއްކަން އެނގިފައެއް ނުވެ އެވެ.