ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބޭއްވި ފްރެންޗައިސް ޝޯ، މޯލްޑިވިއަން އައިޑަލްގެ ދެ ވަނަ ސީޒަންގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައިފި އެވެ.

މިއަދު ޓީވީ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދެވެ. އަދި މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް ކޮމާޝަލް އައިމިނަތު ސަމީހާ އެވެ.

މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސާ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޝާޔަން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާޔަން ވިދާޅުވީ މޯލްޑިވިއަން އަކީ ސްޕޮންސާގެ ފުރުސަތު ހުޅުވާލުމުން އެންމެ ފުރަތަމަ އިޖާބަ ދިން އެއް ކުންފުނި ކަމަށެވެެ. އަދި މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުގައި މަދުވެގެން ފަސް ޒޯނެއްގައި އޮޑިޝަން ބާއްވާނެ ކަމަށާއި، އެ ޒޯން ތަކުން ޓެލެންޓު ހުރި ބައިވެރިން ނެގުމަށް ޓީމުތަކުން ދާނެ ކަމަށާއި، އެ ޓީމް ދަތުރު ކުރާނީ މޯލްޑިވިއަން އިން ކަމަށެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓްރެވެލް ޕާޓްނަރަކީ ވެސް މޯލްޑިވިއަން އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނަށް ލަވަކިޔުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކަކުންނެވެ. ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން އޮޑިޝަންތަކަށް ގޮސް ލަވަކިޔާފައިވާއިރު ޝޯގެ ދެ ވަނަ ރައުންޑް، ތިއޭޓާ ރައުންޑަށް 45 ލަވަކިޔުންތެރިން ނެގި އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓްލް އުފުލާލީ އޮޑިޝަނާ ހިސާބުން ފެށިގެން ވެސް އެތައް ބަޔަކު ހައިރާންކޮށްލި ލައިޝާ ޖުނައިދު އެވެ.