30 Aug 2016, 14:01
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މެހްމާނުންގެ ގޮތުގައި މިއަހަރު ހައްޖަށް ދިއުމަށް ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ އަށް މެމްބަރުންނާއެކު ޖުމްލަ 15 ބޭފުޅަކަށް ދައުވަތު ލިބިއްޖެ އެވެ.
މާލޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސައުދީ ރަސްގެފާނުގެ ހާއްސަ މެހްމާނުންގެ ގޮތުގައި މިއަހަރު ހައްޖުވުމަށް ދައުވަތު ލިބުނު ބޭފުޅުންނަށް ވަނީ އިހްރާމް ސެޓާއި ޓިކެޓާއި ޕާސްޕޯޓް ހަވާލުކޮށްފަ އެވެ.
ސައުދީ އެމްބަސީން ބުނީ، ދައުވަތު ލިބުނު ބޭފުޅުން ކަނޑައަޅުއްވާފައި ވަނީ ސަރުކާރުން ކަމަށެވެ. ސަރުކާރުން ކަނޑައެޅި އެ އެބޭފުޅުންނަށް އިހްރާމް ސެޓް ހަވާލުކޮށްދެއްވީ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ހާއްސަ މެހްމާނުންގެ ގޮތުގައި މިއަހަރު ހައްޖު ވުމަށް ރާއްޖޭއިންދާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނަށް އިހްރާމް ސެޓް ހަވާލުކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި މިއަހަރު ހައްޖަށްދާން ރާއްޖެއިން ދައުވަތު ލިބުނު ބައެއް ބޭފުޅުންނަކީ:
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ
- ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)
- ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު
- ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
- ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
- ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު
- ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު
- ރައްޔިތުން މަޖީލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ
- ރައްޔިތުން މަޖީލިހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިން
އެ ބޭފުޅުންގެ އިތުރުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ތިން ބޭފުޅަކާއި އިތުރު ތިން ބޭފުޅުން ވެސް ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ރާއްޖެއިން މިއަހަރު ހައްޖަށް ވަޑައިގަންނަވާނެ އެވެ.
ސައުދީ އެމްބަސީން މައުލޫމާތު ދޭ ގޮތުގައި އެ ބޭފުޅުން ހައްޖަށް ދިއުމަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ކޮންމެ އަހަރަކު ވެސް ރަސްގެފާނު ކަނޑައަޅުއްވާ އަދަދަކަށް އެކި ގައުމުތަކުގެ މީހުންނަށް ހައްޖުވުމުގެ ދައުވަތު ދެއްވައެވެ. އެގޮތުން މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 ގައުމެއްގެ 1400 މީހުން، ރަސްގެފާނުގެ ހާއްސަ މެހްމާނުންގެ ގޮތުގައި މިއަހަރު ހައްޖަށް އައުމަށް ދައުވަތު ދީފައިވާ ކަމަށް ސައުދީ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.