ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު ވެލެންސިއާ ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ވިކްޓަރީން ކުރި ހޯދާފައި ވަނީ 2-1 ލަނޑުންނެވެ.

އެ ނަތީޖާއާ އެކު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ވިކްޓަރީ ވަނީ ތާވަލުގެ އެއް ވަނައަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް ނިއު އަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ޕޮއިންޓެއް ލިބިފައިވާ އިރު، ބީޖީ ސްޕޯޓްސް އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައި، ފުރަތަމަ ލީޑު ހޯދާފައި ވަނީ ވެލެންސިއާ އިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އައްޒާމް އަބްދުﷲ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވިކްޓަރީން ވަނީ ދެ ލަނޑު ޖަހައި، ލީޑު ހޯދައިފަ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި އަހްމަދު ހަސަން ވިކްޓަރީ އަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ އިބްރާހިމް ރަޝީދެވެ.

އެ މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

އެފްއޭއެމުން 21 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް މި އަހަރު އަލުން ފަށާފައި ވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ޔޫތު ޗެމްޕިއަންޝިޕް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ބާއްވަމުންދިޔައެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސްއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްއެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.