30 Aug 2016, 12:23
މޮސްކޯ (އޮގަސްޓް 30): އުޒްބަކިސްތާނުގެ ރައީސް އިސްލާމް ކަރިމޯވްގެ ސިކުނޑިފުޅުގައި ލޭހޮޅިއެއް ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުން އައިސީޔޫގައި ފަރުވާ ދީފި އެވެ.
ރައީސް ކަރިމޯވްގެ ދަރިކަނބަލުން ލޯލާ ކަރިމޯވާ އިއްޔެ ވިދާޅުވީ ރައީސްގެ ސިކުނޑިފުޅަށް ލޭއެޅުމުގެ ސަބަބުން އައިސީޔޫގައި ފަރުވާދޭން ފަށާފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އިއްޔެ ރައީސްގެ ހާލު ހަމައަކަށް އެޅިފައިވާ ކަމަށެވެ.
ހަތްދިހަ އަށް އަހަރުގެ ރައީސް ކަރިމޯވް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށް އެ ގައުމުގެ މިނިސްޓަރުންގެ ކެބިނެޓުން އިތުރު ތަފްސީލަކާ ނުލައި އިއުލާން ކުރުމުން އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ރައީސް އަވަހާރަވެފައިވާ ކަން ކަށަވަރުވާ ކަމަށް ބުނެ އިއްޔެ ރިޕޯޓުކޮށްފަ އެވެ.
ރައީސް ކަރިމޯވް ސިއްހީ ހާލުކޮޅު ދަށް ކަމަށް ގިނަގިނައިން އަޑު ފެތުރުނު ނަމަވެސް އުޒްބަކިސްތާނުގެ ސަރުކާރުން މައުލޫމާތު ހާމަ ކުރުން އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި ކަމުން އެރިޕޯޓުތައް ޔަގީން ކުރަން މީޑިއާތަކަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.
އުޒްބަކިސްތާނުގައި ރައީސް ކަރިމޯވް ވެރިކަން ކުރައްވާތާ މިއީ 25 ވަނަ އަހަރެވެ. (ގާޑިއަން)