01 Jun 2011, 10:40
ދެ މީހަކު މެރުމާއި ބޮޑެތި ވައްކަން ކުރިމަކުގެ ކުށް ސާބިތުވެ، ޖަލަށްލާފައި ހުންނަތާ ހަތް އަހަރު ފަހުން އިސްރާއީލްގެ ޖަލަކުން ފިލާފައިވާ މީހަކު ދިވެހި ޕާސްޕޯޓަކާ އެކު ތައިލެންޑްގައި އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އިސްރާއީލް ފުލުހުންނާއި ތައިލެންޑް ފުލުހުން ގުޅިގެން އިއްޔެ ހައްޔަރުކުރި އުމުރުން 41 އަހަރުގެ ބެން ޑޭވިޑް ލެވީ އަކީ އިސްރާއީލްގައި 1993 ވަނަ އަހަރު ޖަލަށްލާފައި ވަނިކޮށް 2000 ވަނަ އަހަރު ޖަލުން ފިލާފައިވާ މީހެއް ކަމަށް އިސްރާއީލްގެ ހާރެޒް ނަމަކަށް ކިޔާ ނޫސް ބުނެ އެވެ.
ތައިލެންޑްގެ އަންހެނަކާ އިނދެ ދެ ކުދިން ވެސް ލިބިގެން ބެންކޮކްގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރުކުރި ބެންލެވީއަކީ 1993 ވަނަ އަހަރު ބެލްޖިއަމްގެ އެންޓްވާޓްގައި ހުންނަ ގަހަނާ ފިހާރައަކުން ވައްކަން ކުރުމަށް ފަހު އެފިހާރައިގެ ދެވެރިން ކަމަށްވާ ޑެނިއަލް އާއި ޖޭކޮބް ހިމްލާ މަރާލިކަމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމަށް ހާރެޒްނޫހުގައިވެ އެވެ.
ބެލްޖިއަމްގައި މީހުން މެރުމަށް ފަހު އިސްރާއީލަށް ދިޔަ ބެންލެވީގެ ޝަރީއަތް އެގައުމުގައި ކޮށް، އުމުރަށް ޖަލަށް ލުމުގެ ދެ ހުކުމް އިއްވުމަށް ފަހު ޖަލަށް ލާފައި ހުއްޓައި 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަގުތީ ގޮތުން ޖަލުން ނެރެފައި ހުއްޓައި ފިލައިގެން ތައިލެންޑަށް ގޮސްފައި ވަނީ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށް ވެސް ހާރެޒް ނޫހުގައި އިއްޔެ ލިޔެފައިވެ އެވެ.
އޭސިއާ ޕެސިފިކް ސަރަހައްދުގައި ތިބޭ އިސްރާއީލް ފުލުހުންނާއި ތައިލެންޑް ފުލުހުން ބެން ހޯދީ ބެންކޮކްގެ ޑިން ޑައެން ޑިސްޓްރިކްޓްގައި ހުރި ގެއެއްގައި އޭނާގެ އާއިލާއާ އެކު ދިރިއުޅެމުން ދަނިކޮށް ކަމަށް ވެސް ހާރެޒް ބުނެ އެވެ.
ތައިލެންޑްގެ ނޫހެއް ކަމަށްވާ ދި ޑެއިލީ ދި ނޭޝަން އާ ހަވާލާދީ ހާރޭޒް ނޫސް ބުނި ގޮތުގައި ބެން ލެވީ ތައިލެންޑަށް އެތެރެވެފައި ވަނީ ޑްމިޓްރީ މިލޭވްގެ ނަމުގައި ހަދާފައިވާ ދިވެހި ޕާސްޕޯޓެއް ބޭނުންކޮށްގެންނެވެ.
ބެން ޑޭވިޑް ލެވީ ވަރަށް އަވަހަށް އަނބުރާ އިސްރާއީލަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިސްރާއީލްގެ ހާރެޒް ނޫހުގައިވެ އެވެ.
ޑޭވިޑް ލެވީ އަށް ދިވެހި ޕާސްޕޯޓް ލިބުނީ ކީއްވެގެން ކަމެއް އެ ނޫހުގައި ލިޔެފައެއް ނުވެ އެވެ.