30 Aug 2016, 12:35
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) އިން ރޭ ދުބާއީއަށް ދިއުމަށް ފުރުމަށް ފަހު އެމަޖެންސީގައި ޖެއްސި ފުލައިޓުގެ ފަސިންޖަރުން އެހެން ފުލައިޓެއްގައި މިއަދު ހަވީރު ފުރުމަށް ނިންމައިފި އެވެ.
ރޭ 11 ޖަހާކަންހާއިރު އައިއެންއައިއޭ އިން ފުރިތާ 15 ވަރަކަށް މިނިޓްތެރޭގައި އަނބުރާ އެފުލައިޓް އެ އެއާޕޯޓަށް ޖައްސާފައި ވަނީ، އެމިރޭޓްސްގެ ފްލައިޓް ނަންބަރު އިކޭ 653އެވެ. ފްލައިޓް ޖެއްސުމަށް ފަހު 362 ފަސިންޖަރުން ވެސް ވަނީ ރައްކާތެރިކަމާ އެކު ބޯޓުން ބާލުވައިފަ އެވެ.
އަދިވެސް އެ ބޯޓް އޮތީ އެއާޕޯޓް ޕާކިންގަ އެވެ. ބައެއް މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި ފުލައިޓް ފުރުމުގެ ހުއްދަ އިންޖީނިއަރު ނުދެ އެވެ. ފުލައިޓަށް ދިމާވި މައްސަލަ އަދި ސާފެއްނުވެ އެވެ.
އެފުލައިޓުން ދަތުރުކުރި ފަސިންޖަރަކު މިއަދު ސަން އަށް ބުނީ އާ ފުލައިޓެއްގައި ދުބާއީ އަށް ދިއުމަށް މިއަދު ހަވީރު 5:30ގައި ފުރުމަށް ނިންމާފައިވާ ކަމަށެވެ.
ރޭ ނުފުރުމާ ގުޅިގެން ފަސިންޖަރުން އެކޮމެޑޭޝަންގެ ކަންކަން އެމިރޭޓުސް އިން ވަނީ ހަމަޖައްސައިދީފަ އެވެ.