ރޯމް (އޮގަސްޓް 30): އިއްޔެ ލީބިޔާގެ އައްސޭރި ފަށުން ދަތުރު ކުރަމުން ދިޔަ ބޯޓުތަކެއްގައި ތިބި 6،500 ރެފިއުޖީން ސަލާމާތްކޮށްފި ކަމަށް އިޓަލީގެ ކޯސްޓުގާޑުން ބުނެފި އެވެ.

ކޯސްޓުގާޑުން ބުނި ގޮތުގައި އިއްޔެ އެ ފައުޖުތަކުން ވަނީ ލީބިޔާގެ ސަބްރާތާ ޓައުނުން ގާތްގަނޑަކަށް 12 ކިލޯ މީޓަރު ދުރުގައި އޮތް ބޯޓެއްގައި ތިބި މީހުން ސަލާމަތް ކުރުމަށް 40 އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ކުރީ ދުވަހު ހަމަ އެ ސަރަހައްދުން ވަނީ 1،100 ވަރަކަށް ރެފިއުޖީން ސަލާމަތްކޮށްފަ އެވެ.

އެއޮޕަރޭޝަންތަކުގައި އިޓަލީގެ ކޯސްޓުގާޑުގެ އިތުރުން އީޔޫ ބޯޑާ އޭޖެންސީ ކަމަށްވާ ފްރޮންޓެކްސް އާއި އެންޖީއޯތައް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އާއި ޕްރޯއެކްޓިވާ އޯޕެން އާމްސް އިން ބައިވެރިވެފައިވެ އެވެ.

އޭޕީން ބުނި ގޮތުގައި އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ގިނަ ބަޔަކު ތިބި އެބޯޓުތަކަކީ އެހާ ގިނަ މީހުން ދަތުރު ކުރުމަށް އެކަށީގެންވާ ބޯޓެއް ނޫނެވެ. އަދި އެބޯޓުތަކަށް ތެޔޮ އަޅާފައި ހުރީ ކިރިޔާ ކޯސްޓުގާޑާ ހަމައަށް ވާސިލުވާން ބޭނުންވާ މިންވަރަށެވެ.

އެފްރިކާގެ ގައުމުތަކާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުން ސަލާމަތްވުމަށް ގިނަ ބަޔަކު ދަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖުރަ ކުރުމަށް ނުރައްކާތެރި ދަތުރުތައް ކުރަމުންނެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނި ގޮތުގައި މިއަހަރު ތެރޭގައި 106،000 މީހުން ވަނީ އިޓަލީއަށް ދަތުރުކޮށްފަ އެވެ. އަދި އެދަތުރުތަކުގައި 275،000 މީހުން މަރުވެފައިވެ އެވެ. (ބީބީސީ)