30 Aug 2016, 10:45
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދި ރޭހުގައި ދުވަންއެރި ބޫޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހަދިޔާކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ 'ސަން'އަށް މިއަދު ވިދާޅުވީ، ސާއިދު ރަންމެޑަލް ހޯދިއިރު އަރައިގެން ހުރި ބޫޓު ރައީސް ޔާމީނަށް ހަދިޔާކުރުމާއި، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރައީސް ޔާމީނަށް ހާއްސަ ހަނދާނީ ލިޔުމެއް އެރުވުން އޮތީ މިއަދު ހެނދުނު 10:00ގައި ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ކަމަށެވެ.
"ފުރަތަމަ އޮތީ ދިވެހި އެތުލީޓުންނާއި ކުޅިވަރަށް ރައީސް ޔާމީން ދެއްވާ ހާއްސަ އަހައްމިއްޔަތުގެ އަގު ވަޒަންކޮށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ހަނދާނީ ލިޔުމެއް ރައީސަށް އެރުވުން. އޭގެ ފަހުން ހަސަން ސާއިދު ވަނީ އެބޭފުޅާ އައިއޯއައިޖީގައި ރަންމެޑަލް ހޯއްދެވިއިރު އަރުއްވައިގެން ހުންނެވި ބޫޓު ރައީސަށް ހަދިޔާކުރައްވާފައި،" މުއާޒް ވިދާޅުވިއެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު އެ ކޮމިޓީގެ ފަރާތުން ރައީސް ޔާމީނަށް ހާއްސަ ހަނދާނީ ލިޔުމެއް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
އެތުލެޓިކްސް އިން ރާއްޖެއަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިދެމުންދާ ބާރު ދުވުންތެރިޔާ ސާއިދު ރައީސް ޔާމީނަށް ހަދިޔާކޮށްފައި ވަނީ، 2015 ވަނަ އަހަރުގެ އޯގަސްޓް އެކަކުން ނުވައަކަށް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގައި، ރާއްޖެއަށް ރަންމެޑަލް ހާސިލްކޮށްދިން ރޭހުގައި އޭނާ ދުވަން އެރި ނޫކުލައިގެ އެޑިޑާސް ބޫޓެކެވެ.

ސާއިދު ރަންމެޑަލް ހޯދި އިރު އަރައިގެން ހުރި ބޫޓް ރައީސް ޔާމީނަށް ހަދިޔާކުރި އިރު އެއާއެކު ދީފައިވާ ލިޔުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ، ސާއިދު ރާއްޖެއަށް ހޯދައިދެމުންދާ ކާމިޔާބީތަކާއި ރާއްޖޭގެ އޮލިމްޕިކް ކޮމެޓީން ޒުވާނުންނާއި ކުޅިވަރު ތަރައްގީކުރުމަށް ކުރަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެހަފްލާގައި އެކަމަށް ރައީސް ޔާމީން ޝުކުރު އަދާކުރެއްވި ކަމަށެވެ.
"ރައީސް ވަރަށް ބޮޑަށް ފާހަގަކުރެއްވި، އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ގެންގުޅުއްވާ ސިޔާސަތު ތަކާއި އަދި ސަރުކާރަށް އެކިކަންކަމުގައި ދެއްވާ އެއްބާރުލުން. އަދި ވިދާޅުވި ރާއްޖެެއަށް ކުޅިވަރުގެ އެކިއެކި ދާއިރާތަކުން އިތުރު ކާމިޔާބީތައް ހޯދުމަށް ކުރެވެން ހުރި ކަންކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަަމަށް،" ތަރުޖަމާން ވިދާޅުވިއެވެ.
"ރައީސް ވިދާޅުވި، ސާއިދު އެހޯއްދަވަނީ ހަމަ އެކަނި އޭނާއަށް ހޯއްދަވާ ކާމިޔާބީއެއް ނޫނޭ، އެއީ މުޅި ދިވެހި ގައުމަށް ހޯއްދަވައިދެއްވާ ކާމިޔާބީތަކެކޭ. އަދި އެގޮތުގައި އެ ބުންވަރާއެކު ސާބިތުކަމާއެކު ކުރިއަށް ވަޑައިގެން އިތުރު ކާމިޔާބީތައް ހޯއްދެވުމަށް ހިތްވަރު ދެއްވި."

ޓްރެއިނިން ވިތު އެމްވީ ޗެމްޕްސްގެ ނަމުގައި ރާއްޖޭގެ ޒުވާން އެތުލީޓަކާއެކު ތަމްރީނުތަކެއް ހެއްދެވުމަށް، އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގު ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައި، ރައީސް ޔާމީން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ތަމްރީނު ފުރިހަމަ ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މިދިޔަ ހޮނިހިރު ދުވަހު ރައީސް ޔާމީނު ވަނީ،ޓްރެއިނިން ވިތު އެމްވީ ޗެމްޕްސްގެ ނަމުގައި ރާއްޖޭގެ ޒުވާން އެތުލީޓަކާއެކު ތަމްރީނުތަކެއް ހެއްދެވުމަށް، އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގު ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދާއެކު އާރަށުގައި އެ ތަމްރީނު ފުރިހަމަ ކުރައްވައިފައެވެ.